ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ އިދާރީ ކަމަކަށް ކަމަށާއި ޝަރީއަތް ހިންގުމަށް ނޫން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރު ވުމަށް ޗިޓު ފޮނުވާފައި ވާއިރު، މި ޝަރީއަތުގެ އަޑުއެހުމެއް މިއަދުގެ ވަގުތަކަށް ވަނީ ތާވަލު ކޮށްފައެވެ. ނަމަވެސް ނޫސްވެރިން އެ އަޑުއެހުމަށް ނަންނޯޓް ކުރަން ދިޔުމުން ކޯޓުން ބުނީ އެއީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމަށާއި އެއީ އިދާރީ ކަމަކަށް ރައީސް ޔާމީން ހާޒިރު ކުރާ ހާޒިރު ކުރުމެއް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން ރައީސް ޔާމީނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބަލަމުން ދާއިރު، އެއީ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައެކެވެ. އަދި އެ ފައިސާތައް ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ލޯންޑާ ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖިނާއީ ދައުވާ ވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ. މީގެ އިތުރުން ރައީސް ޔާމީނުގެ އެކައުންޓުތަކަށް 3 މަޝްރޫއެއްގެ ނަގުދު ފައިސާ ވެދެފައިވާ މައްސަލައެއްވެސް އޭސީސީން ބަލަމުން އެބަދެއެވެ.
އެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ވެސް ބޭއްވީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީންއާ ދެކޮޅަށް ހެކިން ހުށަހަޅައިފާވެއެވެ. ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ހިމެނެއެވެ.
އެއީ ސިޓީއެއް ލިޔަންތައް؟ މިއަދު ހުރިހާ އެޑްމިން ކުދިން ސަލާމުގަތަ؟ އަހަރުންނަށް އިނގޭ މިސަރުކާރަށް ޔާމިން ނުލާ ނުވާނޭކަން.