ރޯގާޖެހި، ނޭފަތް ބެދިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެންމެ އާންމު ޖަވާބު، ނުވަތަ ހައްލަކަށްވާނީ ނޭފަތް ފޮޅާލުން ނޫންތޯއެވެ. ގިނަ މީހުން މިކަން ކޮށް އުޅެނީވެސް މި ބީދައިންނެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިއީ ހަށިގަނޑަށް ދެވޭ އަނިޔާއެކެވެ.

ރޯގާޖެހިފައި ހުއްޓާ ނޭފަތް ފޮޅާލުމުގެ ތެރޭގައި ސައިނަސްއަށް ރޯގާ ދަތުރުކުރާ ގޮތްވެއެވެ. މިއީ ރޯގާ ފަސޭހަވުން ލަސްވާ ސަބަބެކެވެ.

ޔުނިވާސިޓީ އޮފް ވާޖިއާނާގައި، ޑރ. ޖ. އޯވެން ހެންޑްލީ އާއި އޭނާގެ ޓީމުން ކުރިއަށް ގެންދިޔަ ދިރާސާއަށް ބަލާލަމަތޯއެވެ. މި ހޯދުންތައް ބުނާ ގޮތުގައި، ކިނބިހެއެޅުމާ ކެއްސުމުގެ ސަބަބުން ނޭފަތުގެ ހޮޅިތަކަށް އަންނަނީ، ނޭފަތް ފޮޅުމާ އަޅާ ބަލާއިރު ކުޑަ ޕްރެޝަރެކެވެ. ނޭފަތް ފޮޅާއިރު ނޭފަތުގެ ހޮޅިތަކަށް އެކުރާ ބާރުގެ 10 ބައިކުޅަ 1 ބައި ޕްރެޝަރެވެ. ނޭފަތް ފޮޅާލާ ކޮންމެ ފަހަރަކު، ނޭފަތުގެ ކޮންމެ ފަޅިއަކުން، އެ މިލިމީޓަރުގެ އަރިދަފުސް ރޯގާ ސައިނަސް ތެރެއަށް އަރާގޮތްވެއެވެ.

ނޭފަތް ފޮޅާލާ ވަގުތު ނޭފަތުގެ ހޮޅިތަކަށް ކުރާ ބާރުގެ ޕްރެޝަރަކީ، ލޭގެ ޕްރެޝަރުގެ ޑައެސްޓޯލިކް ޕްރެޝަރާ ދާދި އެއް ބާރު މިނެއްގެ ޕްރެޝަރެކެވެ. ސައިނަސްއަށް ރޯގާ އެޅުމުގެ ނުރައްކާ ސީދާ ގޮތުން އަދި ސާބޮތިކުރެވިފައި ނުވި ނަމަވެސް، މިއީ ސައިނަސްއަށް ބެކްޓީރިއާ ދަތުރުކުރާ މަގަކަށް ވެއެވެ. އަދި ދިގު މުއްދަތަށް ބަލާއިރު އިތުރު އިންފެކްޝަންތަކަށް ދެވޭ ދައުވަތަކަށްވެސް މިކަންވާ ފަހަރު އާދެއެވެ.

ރޯގާ ޖެހިފައި ހުއްޓާ ކޮންމެހެންވެސް ނޭފަތް ފޮޅާލަން ޖެހިއްޖެނަމަ، ފަހަރަކު ފަރާތެއް ފޮޅާލާށެވެ. އަދި ޑޮކްޓަރުގެ އިރުޝާދާއެކު، ރޯގާ ނުބެދޭ ޒާތުގެ ސްޕްރޭއެއް ބޭނުންކުރާށެވެ. މާ ގިނަ ދުވަހެއް ނުވެ، ރޯގާގަނޑު ސާފުވެގެން ހިނގައިދާނެއެވެ.