ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުރުފުޅު ހެއްދެވި ކަމަށް ވާހަކަ ދެކެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިފައިވާ ކަމަށާއި އެފަރާތްތަކަށް ލުތުފީ ރާއްޖެ ގެނެވިފައި ނުވާކަމަށެެވެ. އަދި ލުތުފީ ރާއްޖެ ގެނައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ކަމުގައި، އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި އަދި މުހައްމަދު ހަމީދުގެ ޕޮލިސް ކޮމިޝަނަރު ކަމުގައި ކަމަށެވެ.
ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އޭރު ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު އިޒުނަ ދެއްވާފައި ނުވާކަމަށް މިނިސްޓަރު އިމްރާން މަޖިލީހުގެ ތަޅުމުގައި ވިދާޅުވި ވާހަކައާ ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިއުން އިމްރާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އޭރުގެ ހޯމް މިނިސްޓަރު ކަން ކުރެއްވި އުމަރު ނަސީރު ވެސް ވަނީ އިމްރާންގެ ވާހަކަ ދޮގުކުރައްވާފައެވެ.
އުމަރު ވަނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، ލުތުފީ ހޯދުމަށް އެސަރުކާރުން ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. އެގޮތުން އުމަރު ވިދާޅުވީ، ލުތުފީ ރާއްޖޭގެ އެމްބަސީ އަށް ވަދެ ލަންކާ ފުލުހުންނަށް ފިލާ އޮންނަން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުން ހުށަހަޅާފައިވާ 10،000 ޑޮލަރުގެ އިނާމުގެ ސަބަބުން ކަމަށެވެ. އަދި ލަންކާގެ ވަކި ވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯއާ ވަނަވަރު ހުންނާނެ ކަމަށް އުމަރު ވިދާޅުވެފައި ވާއިރު، އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ލުތުފީ ހޯއްދެވުމަށް ވަރަށް ގިނަ ގުނަ މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، އޭނާ ވިދާޅުވީ، ލުތުފީ ހައްޔަރު ކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75،000 ރުފިޔާގެ އިނާމެއް ސަރުކާރުން ހުށަހެޅި ކަމަށާއި އެ އިނާމު ފަހުން 10،000 ޑޮލަރަށް ބޮޑު ކޮށް، ލަންކާ ފުލުހުންނާ މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.