ކޮންމެ ދަރިވަރަކުވެސް މިހާރުން ފެށިގެން ގަދައަޅައި މަސައްކަތް ކުރަންވީ، ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އާ ގޮތްތައް އީޖާދުކުރަން ތައްޔާރުވުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 2018 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އުފެއްދުންތެރި އާ ގޮތްތައް އީޖާދުކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި، ގައުމުގެ ތަރައްގީއަށްޓަކައި ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތީ ޒިންމާއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ފެންވަރަށް ޢިލްމު އުނގެނިވަޑައިގެން ތިއްބެވި، ވަރަށް ތާޒާ ވިސްނުންތައް ގެންގުޅުއްވާ ބޭފުޅުން އެބަ ތިއްބެވި. ނަމަވެސް، މި ގައުމަށް އެންމެ ބޮޑަށް ބޭނުންވާ، އައު އީޖާދުތަކާއި، އައު އުފެއްދުންތައް ލިބިގެން މެނުވީ، ތައުލީމަށް މި ކުރާ ހޭދައިގެ ފޮނިމީރުކަން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ހާސިލެއް ނުކުރެވޭނެ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މަތީ ތައުލީމު ހާސިލުކުރުމަށް، ބޭރުގެ ކޮންމެވެސް ޔުނިވާސިޓީއެއް އިހުތިޔާރު ކުރާއިރު، އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި މިއީ، ދަރިވަރުންގެ ތައުލީމީ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު ދުވަސްވަރު ކަމަށެވެ. އަދި އެކި ގައުމުތަކުގެ ތަފާތު ސަގާފަތްތަކުގެ ރަހުމަތްތެރިންނާ އެކުވެރިކަން އުފެދި، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަދި މިއަދު ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ތަފާތު ހިޔާލުތަކަށާއި، އެކި ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކުން ދަރިވަރުންގެ ވިސްނުން އެތައް ގުނައަކުން ތާޒާވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެކަމުގެ ފައިދާ ރާއްޖެއަށް ވެސް ލިބޭނެ ކަމަށާއި، ބޭނުންފުޅުވަނީ ސުލްހަވެރިކަމާއެކު ދިރިއުޅެން އެނގޭ، އޯގާތެރި މުޖުތަމައުއެއް ބިނާކުރައްވަން ކަމަށެވެ.

"ތިޔަ ޒުވާނުން ހާސިލުކުރާ ތައުލީމުން ވެސް، އެންމެ އެދެވޭގޮތުގައި ރާއްޖެއަށް ފައިދާކުރާނީ، މި ދެންނެވި ފަދަ ބަޔަކަށް ތިޔަ ޒުވާނުންވެގެން. ދިވެހި ދަރިވަރުންނަކީ އިލްމު ހޯދުމުގައި ވަރަށް ހުޝިޔާރު، އަދި ވިސްނުމުގެ ގާބިލުކަން ވެސް ނުހަނު މަތީ ދަރަޖައަކަށް ލިބިފައިވާ ބައެއް. މާތް ﷲގެ ވާގިފުޅާއެކު، ތިޔަ ދަރިވަރުން ހޯދާ އިލްމާއި ހުނަރުތަކުން މި ގައުމަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ތައުލީމު ހާސިލު ކުރުމަށް ކޮންމެ ގައުމަކަށް ދަތުރުކުރިޔަސް، ދަރިވަރުން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމިގެންދިޔަ ތައުލީމީ މަރުހަލާ ކަޑައްތުކޮށް، މިއަދު ތިބި މަގާމަށް އާދެވުނީ، ދަރިވަރުން ހިފެހެއްޓި ހަމަތަކާއި އުސޫލުތަކުގެ ސަބަބުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށާއި، އެއީ ސްކޫލްގެ ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށްހިތުމުގައި، ދަރިވަރުން ދެއްކި ނަމޫނާއެއް ކަމަށެވެ.

"ހަޔާތުގެ އަމަލީ މައިދާނުގައި ވެސް، އެ އުސޫލުން ދިރިއުޅުން ބައްޓަން ކުރުމަކީ، ގައުމުގެ އިޖްތިމާއީ ހަމަޖެހުން ގާއިމުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެކަން ޔަގީން. އިޖްތިމާއީ ހަމަޖެހުމަކީ، އިގްތިސާދު ހަރުދަނާވުމުގެ ބިންގާ ކަމަށްވާއިރު، ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަކީ، ގައުމުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ޔަގީން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

މިދިޔަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ފުރިހަމަ 1 ވަނަ ހޯދި 4 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ. އަދި ވަކިވަކި މާއްދާތަކުން ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި 11 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މިދިޔަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން 195 ކުއްޖަކު ރާއްޖޭގެ ގަދަ 10ގެ ތެރޭގައި ހިމެނިފައިވެއެވެ. މި ކުދިންގެ ތެރެއިން، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ، 34 ދަރިވަރަކު ހިމެނިފައިވެއެވެ.