މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރު ވުމަށް ޗިޓު ފޮނުވައިފިއެވެ.
މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީނާއި އާޒިމާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރު ވުމަށް ޗިޓު ފޮނުވާފައި ވާއިރު، އާޒިމާގެ ޝަރީއަތް ހިންގަން ތާވަލު ކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ތާވަލު ކޮށްފައި ވަނީ ހަމަ އެދުވަހު މެންދުރު ފަހަށެވެ.
އާޒިމާގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް މިދިޔަ ފެބްރުއަރީ މަހު އޭނާއާ ހަވާލު ކޮށްފައި ވީ ނަމަވެސް އޭގެ ފަހުން އާޒިމާއާ ޗިޓް ހަވާލު ނުކުރެވިގެން ކަމަށް ބުނެ މި މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން، އާޒިމާގެ މައްޗަށް ދައުވާ ކުރަނީ ރައީސް ޔާމީން ހިންގެވި ކަމަށް ތުހުމަތު ކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން ރައީސް ޔާމީނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބަލަމުން ދާއިރު، އެއީ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައެކެވެ. އަދި އެ ފައިސާތައް ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ލޯންޑާކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖިނާއީ ދައުވާ ވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ.
މޭގެ އިތުރުން ޔާމީނުގެ އެކައުންޓުތަކަށް 3 މަޝްރޫއެއްގެ ނަގުދު ފައިސާ ވެދެފައިވާ މައްސަލައެއްވެސް އޭސީސީން ބަލަމުން އެބަދެއެވެ.