މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެމީހެއްގެ ބަދުނަސީބު ކަމަށަ ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދޅާުވެއްޖެއެވެ.

ރައީސް ވިދާޅުވީ، އެ މީހުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލު ކަމުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދީ، އެމީހުންނަކީ ނަސީބުވެރިން ކަމުގައި ހަދައިދޭން މުޅި މުޖްތަމައު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ، 'ރިވެލި އެވޯޑް 2019' ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި ވަހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އެވޯޑް ހާސިލްކުރި ފަރާތްތަކަށް ވިސްނާލާއިރު، ސާބިތުވެގެން ދަނީ އަބަދުވެސް މި ދައްކާ ވާހަކައިގެ ތެދުކަން ކަމަށާއި، އެއީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ، ނާގާބިލް މީހެއް ނޫން ކަމަށެވެ. އަދި އެމީހުންގެ ކިބައިގައި ވެސް ގާބިލް އެތައް ހުނަރަކާއި ފަންނުވެރިކަމެއް ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ދައުލަތް ހިންގުމާ ހަވާލުވެވަޑައިގަތީ، ވަރަށް ގިނަ ވައުދުފުޅުތަކަކާ އެކު ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު ވައުދުފުޅަކީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުން ކަމަށެވެ. މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ބަލައި، އެމީހަކު ހަވާސާ ކޮށްލުމަކީ، ދިވެހި މުޖްތަމައު ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި، މި ސަރުކާރުގެ ސިޔާސަތަކީ، އެފަދަ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މި އަހަރުގެ ކުރީކޮޅު އައިޖީއެމްއެޗްގައި ހުޅުވި ސެންޓަރ ފޯ މެންޓަލް ހެލްތަކީ، އެ ސިޔާސަތުގެ ތެރެއިން ގާއިމުކުރި މަރުކަޒެއް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް، އައިޖީއެމްއެޗްގައި އެންސްޕާ އާއި އާސަންދައިގެ ކައުންޓަރެއް ގާއިމުކޮށްފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް، އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވާއިރު، ތަރައްގީގެ މަގުގައި ކުރިއަށް ދާނީ ހުރިހާ ދިވެހި ރައްޔިތުންނަކީ އެއް އާއިލާއެއް ކަމުގައި ބަލައިގެން. ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީއެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ތައުލީމާއި މަސައްކަތް އުގަންނައިދިނުމުގެ ދާއިރާއިން، ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުން ރައީށް ވިދާޅުވޯީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް، އިންޓްރެސްޓް ކުޑަ ލޯނު ލިބޭނެ މަގު، ތަނަވްސްކޮށްދިނުމަށާއި، މިފަދަ މީހުންނަށް ވަޒީފާގެ ދާއިރާތަކުން ވެސް ހާއްސަ ކޯޓާއެއް ހަމަޖައްސައި، ފަސޭހައިން ވަޒީފާ ލިބޭނެ އުސޫލެއް ކަނޑައެޅުމުގެ މަސައްކތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާއި، ރިހެބިލިޓޭޓް ކުރުމުގެ ވަސީލަތްތަކާއި ހިދުމަތްތައް ރާއްޖެއިން ލިބެން ހުރީ ވަރަށް މަދު މިންވަރަކަށް ކަމަށާއި، މިކަމަށް ވެސް، ސިއްހީ ދާއިރާގެ ތެރެއިން އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަަދި އޭގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް، އަމިއްލަ ރަށުގައި ތިބެގެން، ތަފާތު ތެރަޕީތަކާއި ތައުލީމާއި ތަމްރީނުތައް ފަސޭހަކަމާ އެކު ހޯދޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ މި ސިޔާސަތުތައް ތަންފީޒުވެގެންދާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިހާރަށް ވުރެ މާ އުފާވެރި މާ ހިތްފަސޭހަ ދިރިއުޅުމެއް ފެނިގެން ދާނެ ކަމަށާއި، އެފަދަ މީހުންނާ މެދު މުޖްތަމައުން ދެކޭ ގޮތް ވެސް ރަނގަޅުވެގެން ދާނެ ކަމަށެވެ.