މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަށް ގއ. ކޫއްޑޫގައި ކޭނިން ފެކްޓްރީއެއް ގާއިމް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ ކޫއްޑޫއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި މަސް ގަންނަ ރަށް ކަމަށާއި، ކޭނިން ފެކްޓްރީ އެއް ގާއިމް ކުރުމުން ކޫއްޑޫއަށް މަސްވެރިން ކިރާ މަސް ތާޒާކަންމަތީ ދަޅު ބަންދު ކޮށްލެވޭނެ ކަމަށެވެ. އަދި އެއީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސައުދު މިހެން ވިދާޅުވެފައި ވަނީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމަށް ރާއްޖޭގައި ދަޅު ބަންދު ކުރެވޭ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް އެސްޓީއޯ ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވިދާޅުވެފައިވާ ވާހަކައާ ގުޅިގެންނެވެ.

އަމްރު ވިދާޅުވީ މަސްވެރިން ކިރާ ހުރިހާ މަހެއް ދުވަހުން ދުވަހަށް ބަންދު ކުރެވޭނެ އިންތިޒާމް މިފްކޯ ހިންގާ ފެލިވަރުގައި ގާއިމް ކުރެވިފައި ނުވާކަމަށެވެ. އަދި ފެލިވަރުގައި ދުވާލެއްގެ މައްޗަށް 120 ޓަނު މަސް ކިރާ ކަމަށާއި، އޭގެ ތެރެއިން ދަޅު ބަންދު ކުރެވެނީ 70 ވަރަކަށް ޓަނު ކަމަށެވެ. އަދި ބާކީ ބައި ޖެހެނީ ތައިލެންޑަށް ނުއަގުގައި ވިއްކާލަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައި ވަނީ، ކޫއްޑޫ މަސް ކިރުމުގެ ނިޒާމަށް ތަރައްގީއެއް އައިސްފައި ނުވާކަމަށެވެ. ކޫއްޑޫގައި އަދިވެސް މަސްކިރުމަށް ބޭނުން ކުރަމުންދަނީ ކުދި ބޯޓުފަހަރު ކަމަށާއި، މިހާރު މަސް ކިރުމަށް ބޭނުން ކުރާ ބޮޑެތި ބޯޓުތަކާއި އަޅާބަލާއިރު ކުދި ބޯޓުތަކުގެ ކެޕޭސިޓީ ކުޑަކަން އޭނާ ފާހަގަ ކުރެއްވިއެވެ.