ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެކި ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސީރިއާއަށް ގެންދިޔަ ގިނަ ދިވެހި އަންހެނުން އެއީ މަޖުބޫރުން ގެންދިޔަ މީހުން ކަމަށާއި އެ މީހުން އަނބުރާ ގެންނަން ޖެހޭ ކަމަށެވެ. އަދި އދ. އާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން އެކަން ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސީރިއާގައި ތިބި ދިވެހިން ގެންނާނެކަމަށް ރައީސް ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

ރައީސް ވިދާޅުވީ ސީރިއާގައި ހިނގަމުންދަނީ ޓްރެރިސްޓް ހަނގުރާމައެއް ކަމަށާއި، އެތަނުގައި ހިނގަމުންދަނީ ދާހިލީ ހަނގުރާމައެއް ކަމަށް އެއްވެސް ގައުމަކުން ގަބޫލު ނުކުރާ ކަމަށެވެ.

"އެ ހަނގުރާމައިގައި އައިސިސް ބަލިވެ، އެތާގައި ހަނގުރާމަކުރަމުންދާ ހަނގުރާމެވެރިން ތިބީ އެކި ކޭމްޕުތަކުގައި. އެއީ އެއްވެސް ސަރުކާރެއްގެ ބާރު ހިނގާތަނެއް ނޫން. މި ހުރިހާ ދުވަހު އެމީހުންނާ މުއާމަލާތްކުރަމުން ދިޔައީ ފޯނުން އާއިލާތަކާއި. ވަރަށް ފަހުން އާއިލާތަކާއި ބައްދަލުވެގެން މައުލޫމާތު ހޯދުމުން، އެ އާއިލާތަކުން މައުލޫމާތު ދީފައިވޭ،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ އެކިއެކި ގައުުމުތަކާއި ބައިނަލްއަގުވާމީ ޖަމާތްތަކާއި ގުޅިގެން އެތަނުގައި ތިބި ދިވެހިންގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެތަނުގައި ތިބި ދިވެހިންގެ އަސްލު އަދަދު ބުނެދޭކަށް އެމަނިކުފާނަކަށް ވެސް އަދި ސަރުކާރަކަށް ވެސް ނޭނގޭ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ޔޫއެންއެޗްސީއާރާއި ބައެއް ޖަމާއަތްތަކާއި ގުޅިގެން ސީރިއާގައި ތިބި ދިވެހި އަންހެންވެރިންނާއި ކުޑަކުޑިން، އެންމެ އަވަހަކަށް ގެނެވެސް އޮތް ގޮތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެމީހުން ތިބީ މަޖުބޫރު ހާލަތުގައި އެތަނަށް ގޮސް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ސީރިއާގައި ތިބި ދިވެހިން ގެނެސް އެމީހުން ރިހިބިލިޓޭޓް ކުރަން ޖެހޭ ކަމަށެވެ. އަދި އެމީހުންނަށް ވަރަށް ބޮޑަށް ކިޔައިދީ އޮޅުންފިލުވައިދީ މުޖްތަމައު ތެރެއަށް ނެރުމުގެ ކުރިން ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ތަނެއް ހަދާ މީހުން ތަމްރީނުކުރުމުގެ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، އެޔާއެކީގައި ޔޫއެންގެ ކަމާބެހޭ ފަރާތްތަކާ އެކީގައި ދިވެހިން އެތަނުން ނެރެ އެހެންތަނަކަށް ގެނެސް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.