ފުލެޓްތަކަށް ގެނައި ބަދަލާއެކު ފުލެޓެއްގެ އަގު ބޮޑުވެފައިވާ ކަމަށާއި، ނަމަވެސް ސަބްސިޑައިޒްކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ގެންދަނީ ދިރާސާތައް ކުރަައްވަމުން ކަމަށާއި، ފުލެޓަށް ގެނައި ބަދަލާއެކު، މިހާރު ފުލެޓަކަށް ޖެހިފައިވާ އަގަށް ގެނެވޭނީ ކޮން ބަދަލެއްތޯ ބަލާ، ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ރައްޔިތުންނަށް އެ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނެވި މިހާރު އަޅަމުންދާ ހައުސިން ޔުނިޓްގެ އަގުގައި ފޯރުކޯށްދެވޭތޯ މަސައްކަތް ކުރަައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފުލެޓްތަކުގެ އޭރިއާ ބޮޑުކޮށް ބަދަލު ގެނައުމުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް 13000 ރުފިޔާއަށް އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއް 23000 ރުފިޔާއަށް ޖެހޭނެ ކަމަށެވެ. ނަމަވެސް މިއީ ސޯޝަލް ހައުސިންއަށް ބޮޑު އަދަދެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އަޅާ ފްލެޓް ދޭނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއް 6000 ރުފިޔާއަށް އަދި ތިންކޮޓަރީގެ އެޕާޓްމަންޓެއް 7000 ރުފިޔާއާ ދެމެދުކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 11،000 ރުފިޔާއަށް އަރާ ކަމަށާއި، ސަރުކާރުން ސަބްސިޑީތަކެއްދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ މީހުން ދިރިއުޅެން އެކަށީގެންނުވާ ފެންވަރަށް ހަދާފައިވާ އެ ފްލެޓުތަކަށް މަހަކު ދައްކަންޖެހޭ އަގު 11،000 ރުފިޔާއަށް އަރަނީ އެ ފްލެޓުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ.

"މަހަކު 11،000 ރުފިޔާ ދައްކަން ޖެހެނީ އެއްވެސް ބަދަލެއް ނުގެނެސް. ދެން އަޅުގަނޑުމެން ބަލަންވީ އެ އަގުގައި ފްލެޓުތައް ދޫކޮށްލާނީތޯ ނޫނީ ބަދަލު ގެންނާނީތޯ. ބަދަލު ގެނެސްފިނަމަ ދެ ކޮޓަރީގެ ފްލެޓަކަށް އެބަޖެހޭ 13،000 ރުފިޔާ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23،000 ރުފިޔާ،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 11،000 ރުފިޔާ ދެއްކުމަކީ ރައްޔިތުން ބޭނުންވެފައިތިބި ބޯހިޔާވަހިކަން އަތް ފޯރާ ފަށުގައި ފޯރުކޮށްދެވުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ސަބްސިޑީތަކެއް ދީގެން އެ ފްލެޓުތަކުގެ އަގު ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.