7 ފެބްރުއަރީގައި ހިންގި ކަންކަމާ ގުޅެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މިހާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމަށް ނޯޓިސް ފޮނުވައިފިއެވެ.
ޖާބިރު، ޝެއިހް އިމްރާނަށް ކުރެއްވުމަށް ބޭނުންވެލައްވާ ސުވާލު ކަމަށް އެ ނޯޓިސްގައި ވާ ސުވާލަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޔަކު މުޒާހަރާކޮށް، އަދި ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ސަރުކާރުގެ ބަހަށް ނުކިޔަމަންތެރިވެ ކުރި 'ބަޣާވާތާ' ގުޅިގެން އޭރުގެ ޕޮލިސް ސްޓޭޝަން ތަކުގައި އާއި އަދި ކޯޓުތަކުގެ އިތުރުން ވެހިކަލް ތަކުގައި ރޯ ކޮށްލުމާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް މިހާރު އަޅައިފައިވަނީ ކޮން ފިޔަވަޅު ތަކެއްތޯ ބެލުމަށެވެ.
ޝެއިހް އިމްރާނަކީ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅު އިހުތިޖާޖުގައި އޭރު ނިކުތް މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ފަރާތެވެ. އިމްރާން ވަނީ އެތައް ފަހަރެއްގެ މަތިން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް އެ އިހުތިޖާޖު ތަކުގައި ގޮވާލައްވައިފައި ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.
އެމްޑީޕީއިން ބުނެފައި ވަނީ އޭރު އިދިކޮޅުން ހިންގީ ބަޣާވާތެއް ކަމަށާ، ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ އެމަނިކުފާނަށް މަޖުބޫރު ކުރުވައިގެން ކަމަށެވެ. 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ބަޔަކު ވަނީ ޕޮލިސް ސްޓޭޝަނާއި، ކޯޓުތަކުގެ އިތުރުން ގިނަ އަދަދެއްގެ ވެހިކަލް ތަކެއްގައި ރޯކޮށްފައެވެ. އެއީ އެމްޑީޕީގެ މީހުން ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރެއެވެ.