މަރަދޫ ބިން ހިއްކުމަށް ސަރުކާރުން ހަމަޖައްސައިފައިވާ ބަޖެޓުން ހަަމއެކަނި ދެއްކޭނީ އެޑްވާންސް ޕޭމަންޓް ކަމަށް މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މަރަދޫގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މަރަދޫ ބިން ހިއްކުމަށް ސަރުކާރުން ދީފައިވަނީ ކުޑަ ބަޖެޓެއް ކަމަށެވެ. އަދި އެއްވެސް ބޮޑުކަމެއް އެ ބަޖެޓަކުން ނުކުރެވޭނެ ކަމަށާއި، މިހާރު ބަޖެޓު އޮތް ވަރުން ފަށައިފި ނަމަ ކޮންޓްރެކްޓަރަށް އެޑްވާންސް ފައިސާ ދައްކާ ހިސާބުން މަސައްކަތް ނިންމާލަން ޖެހޭނެ ކަމަށް މިނިސްޓަރި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަރަދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ނަމަވެސް، މަރަދޫގެ ބިން ހިއްކުމަށް އެއްވެސް ފަރާތަކާ އެކު ވެވުނު އެއްބަސްވުމެއް މިހާތަނަށް ފެނިފައި ނުވާކަމަށެވެ. އަދި އެއީ މިކަމަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ނަމަވެސް ބައެއް ލިޔެކިއުންތައް ފެނިފައި ވާކަމަށާ އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފައިވާ ލިޔުމަކާއި، ބަންޑާރަނައިބު އޮފީހަށް ފޮނުވާފައިވާ ލިޔުމަކާއި، ރައީސް އޮފީހަށް ފޮނުވާފައިވާ ލިޔުމެއްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ލިއުމެއް ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މި ލިޔެކިއުމުގެ މުއާމަލާތްތަކަކީ 2013 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިފައިވާ މުއާމަލާތްތަކެއް ކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި މި ލިއުންތަކުގެ ތެރޭގައިވެސް ގިނައީ މި މަޝްރޫއަށް އެކަށީގެންވާ ފަދަ ބަޖެޓެއް ލިބިފައި ނުވުމުން ފޮނުވާފައިވާ ސިޓީތައްކަން އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަން ކުރުމަށް ޖެހިގެން އޮތް އަހަރު ބަޖެޓު ހަމަޖައްސައިގެން ފެށުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް އެ ލިއުންތަކުގައި ވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮންޓްރެކްޓެއް ފެނިފައި ނުވުމުގެ ސަބަބުން އަލުން މި އަހަރުގެ ތެރޭގައި ތިން ފަހަރު މަތިން މަރަދޫ ބިން ހިއްކައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވާނެ ކަމަށާ، އެހެން ނަމަވެސް ތިން ފަހަރުގެ މަތިން އިއުލާނު ކުރުމުންވެސް އެއްވެސް ބަޔަކު މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭގޮތުން އިތުރަށް ކަންކަން ބައްލަވަމުން ގެންދަވާ ކަމަށާ، އެހެން ނަމަވެސް ހަމަ ޔަގީނުންވެސް ކޮންޓްރެކްޓެއްގައި މިކަމާ ގުޅިގެން ސޮއި ކޮށްފައި ނުވާކަމަށެވެ. އަދި މިކަމަކީ އޮޑިޓެއް ހަދަން ޖެހޭ ކަމެއްކަންވެސް މިނިސްޓަރު އަސްލަމް ވަނީ ފާހަގަ ކުރައްވާފައެެވެ.