ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ބައެއް ލިޔެކިއުންތައް ވަނީ ގަސްތުގައި ނައްތާލައިފައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނެފިއެވެ.
އޭސީސީ އިން މިހެން ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒެސް ކޮމެޓީއަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އޭސީސީ އިން ބުނީ ދައުލަތުގެ ބައެއް މުއައްސަސާ ތަކުން ގަސްތުގައި ބައެއް މުހިންމު ލިޔެކިއުންތައް ނައްތާލައިފައި ވާކަމަށާ އޭގެ ތެރެއިން ޕީއެސްއެމް ފާހަގަކޮށްލެވޭ ކަމަށެވެ.
އޭސީސީ އިން ބުނީ އެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ނައްތާލައިފައިވާ ބައެއް ލިޔެކިއުންތަކަކީ ކުރިން ހުރި އެއްޗެހިކަން އެނގެން އޮތް ކަމަށާ، އެފަދަ ލިޔެކިއުންތައް ގަސްތުގައި ނައްތާލަނީ އޭސީސީގެ ތަހުގީގުތަކަށް ހުރަސް އެޅުމަށް ކަމަށެވެ. އަދި އެފަދަ ލިޔެކިއުންތައް ނައްތާލުމީ އޭސީސީ އަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެސީސީ އިން ބުނީ މީގެ ކުރިން އެފަދަ ލިޔެކިއުންތައް ބޯޑު މެންބަރުންނާ ވާހަކަ ދައްކައިގެން ހޯދިފައިވާކަމަށާ، އެހެން ނަމަވެސް މިހާރު އޭސީސީ އިން އެފަދަ އެއްވެސް ލިޔެކިއުމެއް އިތުރަށް ހޯދުމުގެ މަސައްކަތް ނުކުރާ ކަމަށާއި، އެފަދަ ކުންފުނިތައް ނުވަތަ މުއައްސަސާތަކާ މެދު އެ ކޮމިޝަނުން ފިޔަވަޅު އަޅަމުން ގެންދާކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.