ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ހާއްސަ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގެ މަގުސަދަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު ހާއްސަ ގޮތެއްގައި ސަލާމަތީ ދާއިރާއާއި ވިޔަފާރި، ސިއްހީ، އަދި ތައުލީމީ ދާއިރާ ފަދަ ދާއިރާތަކުން ދެގައުމުގެ މެދުގައި މިހާރު ގާއިމްކޮށްފައިވާ ގުޅުން ވަރުގަދަ ކުރުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މިހާރު ދެގައުމުގެ ގުޅުން އޮތް ދާއިރާތަކާއި އިތުރަށް ގުޅުންބަދަހިކޮށް ފުޅާކުރެވިދާނެ ދާއިރާތަކާއި ގޮތްތަކާއިމެދު މަޝްވަރާ ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ދެއްވާ ޖާފަތެއްގައި ރައީސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރައްޔިތުންގެ ޝުއޫރުތަކާއި އެބޭފުޅުންނަށް ސިންގަޕޫރުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކުރެއްވުމަށް ފުރުސަތު ހުޅުވާލާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އައިއެސްޑީ ކައުންޓާ ޓެރަރިޒަމް ސެންޓާ އަދި ސިންގަޕޫރުގެ ނެޝަނަލް އެންވަޔަރަންމަންޓް އެޖެންސީގެ ބެލުމުގެ ދަށުން ހިންގާ ޕަލައު ސިމަކު ލޭންޑްފިލް، އަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.