ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ޖޭއެސްސީ އަދި ފުލުހުން ތަހުގީގު ކުރިއަށް ގެންދަނިކޮށް އޭނާ މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. އޭނާގެ ވަކީލު އާދަމް ޝަމީމު މިރޭ ބުނީ ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި ކަމަށާ، އެއީ މާ ކުރިންވެސް ހަމަޖެހިފައި އޮތް ދަތުރެއް ކަމަށެވެ. އަދީ އޭނާ ވަޑައިގަތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުއްދައާ އެކު ކަމަށެވެ.
"ކުރިންވެސް ހަމަޖެހިފައިވާ ދަތުރުފުޅެއްގައި ދީދީ ވަޑައިގަތީ، އަދި އެނބުރި ވަޑައިގަންނަވާނެ ތާރީހު ޖޭއެސްސީއަށް އެނގޭނެ" ޝަމީމް ވިދާޅުވެފައިވެއެވެ.
'ދަޕްރެސް' އަށް އެނގިފައިވާ ގޮތުގައި ދީދީ ފުރާވަޑައިގަތީ މެލޭޝިއާއަށެވެ.
ފަނޑިޔާރު ދީދީ އަކީ މިހާރު ޖެއެސްސީން ތަހުގީގު ކުރަމުންދާ ސުލޫކީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ފަނޑިޔާރެކެވެ. އޭނާގެ މައްޗަށް ޖޭއެސްސީން ތުހުމަތު ކޮށްފައިވާ ކަންކަމުގެ ތެރޭގައި މެލޭޝިއާގައި އިންނެވި އޭނާގެ އަނބިކަނބަލުންގެ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާ ކުރެއްވި މައްސަލައަކާއި، އޭނާއާ ގުޅޭ އެމްއެމްޕީއާރުސީގެ މައްސަލައެއްވެސް ހިމެނެއެވެ.
ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ޖޭއެސްސީން ހިންގަން މަސައްކަތް ކުރުމުން ދީދީގެ އެދިވަޑައިގަތުމަށް އޭނާ ފުރަތަމަ ހާޒިރު ކުރީ ދަރުބާރު ގޭގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ތަހުގީގަކަށެވެ. އެތަހުގީގުގައި ޖޭއެސްސީން ގިނަ ތުހުމަތުތަކެއް ފެންމަތި ކުރުމުން ދީދީ 5 ދުވަހުގެ މުހުލަތު އެދިވަޑައިގަތެވެ. އަދި އެ 5 ދުވަހުގެ މުހުލަތު ހަމަ ވި އިރު ދީދީ ވަނީ 43 ސޮފްހާގެ ޖަވާބު ސިޓީ ޖޭއެސްސީއަށް އިއްޔެ ހުށަހަޅާފައެވެ.
ދީދީ ބޭރަށް ފުރާވަޑައިގަތުމާ ގުޅޭ ގޮތުން މިހާތަނަށް ޖޭއެސްސީން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.