ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މީގެ 6 މަސްފަހުން އަނެއްކާ ބޭސް ފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް އޭނާ ބެލި ޑޮކްޓަރުން ލަފާދީފިއެވެ.
އަދީބުގެ ލޮލުގެ ބައްޔަށް ފަރުވާ ދެމުން ދަނީ އިންޑިއާގެ ޕޫނާގައި ހުންނަ ރުބީ ހޯލް ކްލިނިކް ކިޔާ ހޮސްޕިޓަލަކުންނެވެ. އޭނާއަށް ފަރުވާދިން ޑޮކްޓަރު، ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ އިންޑިއާގެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މިމަގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް އަދީބުއަށް އެ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ. އޭނާ ބެލެމަށް ފަހު އެ ޑޮކްޓަރު ވަނީ 6 މަސް ފަހުން ބޭސް ފަރުވާއަށް އަދި ދިއުމަށް ލަފާދީފައެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ނައިބު ރައިސްކަން ކުރެއްވި އަހުމަދު އަދީބަކީ އެމްއެމްޕީއާރުސީ ހިޔާނާތާއި ކުރީގެ ރައީސް ޔާމީނުގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަ ކޮށްލަށް އުޅުއްވުން ފަދަ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ދިގު މުއްދަތަކަށް ޖަލަށް ލާއިފައި ހުއްޓައި މިނިވަންކޮށް މި ސަރުކާރުން، ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވާ ބޭފުޅެކެވެ.
އަދީބުގެ އާއިލާއިން ބުނާ ގޮތުގައި އޭނާގެ ލޮލުގައި ހުރީ ގުލަކޮމާ ކިޔާ ބައްޔެކެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އަދީބުގެ ލޮގައި އެ ބަލި ހުންނަ ކަމަށާ ނަމަވެސް ސަރުކާރުން އަދީބު ބޭރަށް ނުފޮނުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ އޭނާގެ ބައްޔަށް ދެވިފައި ނުވާކަމަށް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި މި ބަލި ހުންނަކަން އާއިލާއަށް އެނގިފައި ވަނީ 2017 ވަނަ އަހަރު ޑޮކްޓަރަށް ދައްކައި ބެލި ބެލުމުން ކަމަށްވެސް އެ ފަރާތްތަތަކުން ބުނެއެވެ.
އަދީބު އިންޑިއާއަށް ބޭސް ފަރުވާއަށް ފުރާވަޑައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭނާގެ އަރިހުގައި އަނބިކަނބަލުން ނަޝްވާ ވެސް ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ.
ހޯމް މިނިސްޓްރީން ބުނީ އަދީބާއެކު އިންޑިއާގައި ދިވެހި 3 ފުލުހަކާ ކަރެކްޝަންސްގެ 3 އޮފިސަރަކު ފޮނުވި ކަމަށާ، އަދީބު ރާއްޖެއިން ބޭރަށް ފޮނުވާފައި ވަނީ ނުފިލޭނެ ކަން ޔަގީން ކޮށްފައި ކަމަށެވެ.