ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ރައްކާތެރި ކުރުމަށާއި، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދީ، ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައި ވާއިރު، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ގެނައި އިސްލާހުތަކަށް ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ގައުމީ ޔުނިވާސިޓގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވާސިޓީ ހެދުމަށް ބަހުސް ކުރައްވާފައެވެ.
ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށް ވިދާޅުވަމުން މައުމޫން ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީގެ ޓްވިޓާ އެކައުންޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާފައެވެެ.
އެމްއެންޔޫގެ ދަށަށް އައިޔޫއެމް ބަދަލުކުރުމަށް ހުށަހެޅި އިސްލާހަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ، އަދި އަދާލަތު ޕާޓީ އިން ވެސް ވަނީ ތާއިދު ނެތް ކަން ހާމަ ކޮށްފައެވެ. އެގޮތުން، މިނިސްޓަރު ޒާހިރު ވިދާޅުވީ، އެމްއެންޔޫ އަދި އައިޔޫއެމް އަކީ ތަފާތު ފަލްސަފާ އެއްގެ ދަށުން ހިންގަމުން އަންނަ މަތީ ތައުލީމް ހާސިލްކުރާ ތަފާތު ދެ މުއައްސަސާ ކަމަށާ، މި ދެ ޔުނިވާސިޓީ އަކީ ވަކި ދެތަނެއްގެ ގޮތުގައި ހަރުދަނާ ކޮށް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ޒާހިރު ވަނީ ވިދާޅުވެފައެވެ.
އަދާލަތު ޕާޓީ އިން މި ދެ ޔުނިވާސިޓީ އެއް ކުރުމަށް ތާއިދު ނެތް ކަން ހާމަ ކުރަމުން ބުނީ، އިސްލާމް ދިނާއި ގުޅޭ ދިރާސާތައްކޮށް، ދީނުގެ އިލްމު ފެތުރުމަށް އިސްލާމިކް ޔުނިވާސިޓީއަކީ މުސްތަގިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން، މި ދެ ޔުނިވާސިޓީ އެއްކޮށްލަން އުޅޭ އުޅުމަށް އިދިކޮޅު ޕީއެންސީގެ އިސްވެރިން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ދެ ކޮލެޖު އެއްކޮށްލަން އުޅޭ އުޅުމަކީ އެމްޑީޕީ ސަރުކާރުން އިސްލާމްދީން ރާއްޖެއިން ނެތިކޮށްލުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ.