ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް 47 ބިލެއް ވެއްދުމަށް އިސްކަމެއް ދެއްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރަށް 47 ބިލެއް ހުށަހަޅަން ނިންމާފައިވާއިރު، އޭގެ ތެރެއިން ހަތް ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލްތަކަކީ ގާނޫނީ ފަންނުގެ ބިލާއި، ކޮމިޝަންތަކަށް ބާރު ދޭ ބިލާއި، ވިސަލް ބްލޯވަރުން ހިމާޔަތް ކުރާ ބިލާއ، ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ސަގާފީ ތަރިކައިގެ ބިލެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، މި ހަފްތާގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްހުށަހަޅާނެ ކަމަށާއި، އެއީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށްޓަކައި ގެންނަ އިސްލާހެއް ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޓެރަރިޒަމްގެ މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން، އިންކަމް ޓެކްސްގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް އިސްކަން ދޭނެ ލިސްޓުގައި ހިމެނޭ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ހަތަރު އިސްލާހެއް ހުށަހެޅުމަށް މިއަދު އާންމު ކުރި ލެޖިސްލޭޓިވް އެޖެންޑާގައި ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން، އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ އިސްލާހުކުރުމުގެ ބިލާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު އިސްލާހުކުރުމުގެ ބިލުު އަދި އެންޓި ޑިފެކްޝަން ބިލުގެ އިތުރުން، މިނިވަން މުއައްސަސާތައް އިސްލާހުކުރުމުގެ ބިލު ހިމެނެއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އިތުރުން، މުހިންމު ގާނޫނުތަކެއް އުފެއްދުމަށް ހުށަހަޅަންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ޝަރުއީ ދާއިރާއަށް ބަލާއިރު، ކުޑަކުދިންގެ އަދުލުގެ ގާނޫނަކާއި ހެއްކާ ބެހޭ ގާނޫނަކާއި، އިންތިގާލީ އަދާލަތުގެ ގާނޫނެއް ފާސްކުރަން ހުށަހެޅުމަން ވަނީ ނިންމައިފައެވެ. އަދި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން މަދަނީ އިޖުރާއަތުގެ ގާނޫނެއް ހުށަހެޅުމަށްވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ގައިވެއެވެ.

އަލަށް އުފެއްދުމަށް ނިންމާފައިވާ އާ ގާނޫނުތަކުގެ ތެރޭގައި ހިމެނޭ ކުށްތަކާ ގުޅޭ ގާނޫނުތަކުގައި، ސައިބާ ކްރައިމްއާ ބެހޭ ގާނޫނަކާއި، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނެއްގެ އިތުރުން އަލިފާނުން ރައްކާތެރިވުމުގެ ގާނޫނެއް ހިމެނެއެވެ. މީގެ އިތުރުން، އިންސާނީ ހައްގުތަކާ ބެހޭ އާ ގާނޫތަކަށް ބަލާއިރު، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ގާނޫނަކާއި، ހަޅުތާލުކުރުމުގެ ހައްގުގެ ގާނޫނެއް އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއްގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނެއް ހުށަހަޅަން ވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނެއެވެ.