އުމުރުން 14 އަހަރުގެ އަބްދުﷲ ޝައިމް ގެއްލުނު މައްސަލައިގެ ތަފްސީލު ވަޒީރުންގެ މަޖިލީހާ ހިއްސާ ކޮށްފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުރި އުމުރުން 14 އަހަރުގެ، ދަފްތަރު ނަމްބަރު 2997، އަބްދުﷲ ޝައިމް ގެއްލުނު މައްސަލައިގެ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. އެގޮތުން ޝައިމްއާ ގުޅޭ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުއްވީ މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަަސް ޝިދާތާ ޝަރީފެވެ. ޝައިމް ގެއްލުނީ މި މަހު 18 ވަނަ ދުވަހު، ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއްޓައެވެ.

ޝައިމް ގެއްލިގެން ހޯދާތާ މިހާރު ވަނީ ހަފްތާއެއް ވެފައެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ޝައިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅާ ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އެގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މާފުށީ ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވަނީ ވަޒީރުންގެ މަޖިލީހާއި ހިއްސާކުރައްވައިފިއެވެ. ޖަލުގައި ހިނގި ހާދިސާއަކީ މިިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ކަރެކްޝަންސްގެ އޮފިސަރަކަށް އަނިޔާވެފައިވާއިރު، ހަތް ގައިދީއަކަށް ވަނީ އަނިޔާވި ހާދިސާއެވެ. މި ހަމަނުޖެހުމުގައި ގައިދީންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން، މާފުށީ ޖަލުގައި ރޭ ވެސް ވަނީ މިފަދަ ހަމަނުޖެހުމެއް ހިނގާ، ބައެއް ގައިދީންނަށް އަނިޔާވެފައެވެ.

މީގެ އިތުރުން މިއަދު ބޭއްވި ޖަލްސާގައި 2018 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަމާއި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ބިލުތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާ ކޮށްފައެވެ.