ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމަށް، ކޯޓުތަކާ ބެހޭ ގާނޫނަށް މި ހަފްތާ ތެރޭގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް، 2014 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފައެވެ. މި އިސްލާހަށް ފަހު މަގާމުން ވަކި ކުރީ، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމަށް މި ހަފްތާ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވީ، މިއަދު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާން ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާނަން. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށްޓަކައި ގެންނަ އިސްލާހެއް،
ރިފްއަތު

މިއަދު އިއުލާނު ކުރި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވަނީ 201 ބިލެއްގެ މައުލޫމާތު ހިމަނާފައެވެ. އެގޮތުން ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަ ބިލަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބިލެއް ވެސް އެ އެޖެންޑާގައި ހިމެނެއެވެ.