ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު އިސްމާއިލް ސޮފްވާން މެންބަރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ފާސްކޮށްފިއެވެ.

ސޮފްވާން އެ މަގާމުން ވަކި ކުރުމަށް މައްސަލަ ކޮމެޓީއަށް ހުށަހަޅުއްވާފައި ވަނީ، ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގެ ތާއީދާ އެކު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މިމަހުގެ 17 ވަނަ ދުވަހާ ހަަމަޔަށް ސޮފްވާން ހުންނެވީ ބްރޯޑްކޮމްގެ ނައިބުގެ މަގާމުގައެވެ. ސޮފްވާން މަގާމުން ވަކި ކުރުމަށް ކޮމެޓީ އިން ނިންމާފައި ވަނީ އޭނާ ބްރޯޑްކޮމް ގެ ނައިބު ގެ މަގާމުގައި ހުންނެވި ނަމަވެސް، ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަވާތާ 8 މަސް ވެފައި ވަނިކޮށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ސޮފްވާންގެ އިތުރުން މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިމަހުގެ 19 ވަނަ ދުވަހު ވަނީ ފޮނުވާފައެވެ.