އެކަނިވެރި މައިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެގޮތުން އުމުރުން 65 އަހަރު ފުރިފައިވައި ދިވެހި ރައްޔިތުންނަށް ކޮންމެ މަހަކު ދެމުން އަންނަ 5000 ރުފިޔާ ގެ ބަދަލުގައި އެފަރާތްތަކަށް 10000 ދިނުމަށް ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވެއެވެ. މީގެ އިތުރުން އެކަނިވެރި މައިންނަށް ދޭ 2000 ރުފިޔާގެ އިނާޔަތުގެ ބަދަލުގައި އެފަރާތްތަކަށް 7500 ރުފިޔާ ދިނުމަށްވެސް އެ ގަރާރުގައި ވެއެވެ.

ޖާބިރު ވިދާޅުވީ 2000 ރުފިޔާއިން ދަރިންގެ ހަރަދު ބެލެހެއްޓުމަކީ ނުހަނު ދަތި ކަމަކަށް ވީ ހިނދު އެ އުޖޫރަ 7500 ރުފިޔާއަށް ބޮޑުކުރުމަކީ އުފާވެރި އައިލާ އެއް ބިނާކުރުމަށް ބޭނުންވާނެ ކަމެއް ކަމަށެވެ.

މި ގަރާރު ބަލައިގަންނާނީ އެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށްފަހު އެވެ. އަދި މި ގަރާރާ މެދު ބަހުސް ކުރުމަށް އެޖެންޑާ ކުރެވޭނެ ދުވަހެއް މަޖިލީހުން އާންމުކޮށްފައެއް ނުވެއެވެ.