ގައުމީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ރާއްޖެއިން ވަކާލާތުކުރަނީ، ގާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން އެކި ގައުމިތަކަށް ކަނޑައަޅާފައިވާ ސަފީރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭއަކީ ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް، ސާބިތުކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލާ، އަޒުމް ވަރުގަދަ ގައުމެއް ކަމަށެވެ. އަދި ގައުމީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ މުޖުތަމައުުގައިވެސް ރާއްޖެއިން ވަކާލާތުކުރަނީ، ގާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޑިޕްލޮމަސީގެ އަސާސްތަކަކީ ވެސް އެއީ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހި ގައުމުގެ ހައިބަތު އުފުލައިދެނީ، މި ހަރުދަނާ ޑިޕްލޮމަސީތައް ކަމަށެވެ.

"މި ގައުމުގެ ދިފާއަކީ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ތިޔަ ސަފީރުންނަކީ، ޑިޕްލޮމަސީ ހިންގަވަން ތިއްބެވި ފަހުލަވާނުން. ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމުގައި، ތިޔަބޭފުޅުންގެ ދައުރު ވަރަށް މުހިންމު،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި، ރާއްޖޭގެ ކަންކަން ބައްޓަން ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ބައްޓަން ވެގެންދާނީ ދިވެހި ރައްޔިތުން އެދޭ ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ވެސް ބައިނަލް އަގުވާމީ މުޖްތަމައުގައި ހިއްސާދާރެއް ކަމަށެވެ. އަދި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް، ރާއްޖޭގެ ގޮނޑުދޮށްތަކަށް ވެސް ބިންދަމުން ދާނެ ކަމަށާއި، ބައިނަލްއަގުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، މި ރާއްޖެއަށް އަމާންކަމާއެކު ދަތުރުކުރެވޭނީ، އެންމެން އެކުގައި ވިސްނުންތެރިކަމާއެކު، އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށެވެ.

"ބޭރު ދުނިޔޭގައި ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ބޭފުޅުންނަކީ ތިޔަ ސަފީރުން. ތިޔަބޭފުޅުންގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ދިވެހި ގައުމާއި، ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެއްވުން. ތިޔަބޭފުޅުން ތިއްބަވާ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި، އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ދިވެހީންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަކީ، ދިވެހި އެމްބަސީތަކުގެ އެންމެ މުހިންމު މަސައްކަތް،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ސަފީރުންގެ ބައްދަލުވުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ، ސަފީރުންގެ ޒިންމާތައް އަދާކުރެއްވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރެއްވުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަފީރުންގެ ބައްދަލުވުމެއް ބާއްވަވާ އެންމެ މުހިންމު މަގުސަދަކީ، ދިވެހިންގެ ދިރިއުޅުމާއި ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާމެދު މަޝްވަރާކޮށް، އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަދި މިހާރަށްވުރެ ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިޔުމަށްޓަކައި، ރާއްޖެއިން ލިބެންހުރި ފުރުސަތުތަކުގެ ބޭނުން މިހާރަށްވުރެ ފުރިހަމައަށް ހިފައިގެން، ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުން ކަމަށެވެ.