ދިވެހިރާއްޖެއިން އެހެން ގައުމުތަކާއެކު ގުޅުން ބާއްވާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ރާއްޖެގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުން ކަމަށެވެ. އަދި އެހެންގައުމުތަކާއިއެކު ގުޅުން ދަމަހައްޓަވާނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ކިތައްމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއެކު ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ގާއިމްކޮށް އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައި އިސްއުފުލާ، އަދުލުވެރިކަމާއެކު ހަމަޔާއި، އިންސާފަށް އަޑު އުފުލުމަކީ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ރުކުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެ. ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތު ދުނިޔެއަށް ހާމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ގައުމުގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނަ ކަމަށެވެ. އަދި ދިވެހި ހާރިޖިއްޔާގެ މަސައްކަތަކީ ވެސް، ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަ ކުރާނެ ގޮތެއް ހޯއްދެވުން ކަމަށާއި، ތަރައްގީގެ މަޝްރޫއުގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭރުގެ ގައުމުތަކާއެކު މުއާމަލާތްކޮށް ދިވެހިރާއްޖޭގެ ތަރައްގީގައި ބައިވެރިވެ އެހީދޭނެ ފަރާތްތައް ހޯއްދެދުން ކަމަށެވެ.

އެމަނިކުފާނު ވިފާޅުވީ މިކަމުގައި އެންމެ އިސްދައުރެއް އަމަލީގޮތުން އަދާކުރެވޭނެ އެއްބަޔަކީ ދިވެހި ސަފީރުން ކަމަށެވެ. އަދި ރާއްޖެއަށް މަންފާހުރިގޮތްތައް ހޯދުމުގެ އެންމެ މުހިންމު މޭސްތިރިންނަކީ ވެސް ސަފީރުންކަން ފާހަގަކުރައްވާ، ސަފީރުންގެ މަސްއޫލިއްޔަތަކީ ގައުމުގެ ކުރިއެރުމަށާއި، ރައްޔިތުންގެ މުސްތަގުބަލަށް ދެމެހެއްޓެނެވި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މަސައްކަތްކުރާނެ ގޮތުގެ ވަރަށް ގިނަ މައުލޫމާތުތައް، އިއްޔެ ނިމުނު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން ތިޔަ ބޭފުޅުންނަށް ވާނީ ލިބިވަޑައިގެންފައި. އެ މައުލޫމާތު ހެޔޮ ގޮތުގައި ބޭނުންކުރައްވާ ނަތީޖާ ނެރެދިނުމަކީ ތިބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް. މިހާރުގެ ހާލަތަށް ބަލާއިރު އިންވެސްޓަރުންނާއި، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ތަަސައްވުރު ރަނގަޅު ކުރުން،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ރާއްޖޭގައި ހިނގާ އެކި ކަންކަމާ މެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުސް ކުރެވެމުންދާ އިރު، ކަމުގެ ހަގީގަތްތަކާއި، ރާއްޖޭގައި ކަން ހިނގާ އުސޫލުތައް އޮޅުން ފިލުވައިދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ. އަދި ތަރައްގީގެ ކަންކަމުގައި ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހީކޮށް އުފައްދާ އިރު، ރާއްޖޭގެ ގަދަރާއި ޝަރަފް ހިފެހެއްޓުމަކީ ވެސް އެހާ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.