މަސްވެރިކަމުގެ ދާއިރާއާއި، ހެޔޮއަގުގައި ގެދޮރު ބިނާކުރުމަށް ސައުދީ އިން ރާއްޖެއަށް ދޭ 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އިއްޔެއާއި މިއަދު ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާގެ އެހީއާއި، ޑިސްކައުންޓް ރޭޓުގައި ދޫކުރާ ކޮންސެޝަނަލް ލޯން އެހީގެ އެއްބަސްވުންތަކުގައި ރާއްޖެއާއެކު ބައެއް ފަރާތްތަކުން ވަނީ ސޮއިކޮށްފައިވެއެވެ. އެގޮތުން، މަސްވެރިކަމުގެ ދާއިރާއާއި، ހެޔޮއަގުގައި ގެދޮރު ބިނާކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް 93 މިލއަން ސައުދީ ރިޔާލް ހިމެނޭ ދެ އެއްބަސްވުމެއްގައި ވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެއާއެކު ސޮއިކޮށްފައެވެ. 93 މިލިއަން ސައުދީ ރިޔަލަކީ 25 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ބަންގްލަދޭޝްއާ އެކު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކާއެކު ވިޔަފާރީގެ ދާއިރާގެ އެއްބަސްވުމަކާއި، އެމެރިކާއާއެކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ދޭ ގްރާންޓް އެއްބަސްވުމަކާއި، ޖަޕާނުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ކަންކަން ތަރައްގީކުރުމަށް ދޭ ނޮން- ޕްރޮޖެކްޓް ގްރާންޓް އެއިޑް އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019 ވަރަށް ކާމިޔާބުކަމާއެކީ މިއަދު ވަނީ ނިންމާލާފައެވެ. 'އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް' ތީމެއްގެ ގޮތުގައި ކަނޑަޅައިގެން ކުރިއަށް ގެންދިޔަ މި ފޯރަމުގެ މަގްސަދަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި، އެހެން ގައުމުތަކާއި ގުޅިގެން ކުރެވޭނީ ކޮންކޮން މަސައްކަތް ތަކެއްތޯ ބަލައި، ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް މަގުފަހި ކުރުމެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ފޯރަމްގެ ސެޝަންތަކުގައި ސަރުކާރުން ވަނީ ރާއްޖޭގައި ތަރައްގީ ކުރުމަށް ސަމާލުކަންދޭ ދާއިރާތަކަށް އަލިއަޅުވާލައި، ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމްގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ. އަދި، ބައިވެރިންނަށް ފޯރުކޮށްދިން މަޢުލޫމާތުގެ އަލީގައި އެތަކެއް ޤައުމަކުން ވަނީ ރާއްޖޭގެ ތަރައްގީގައި ހިއްސާވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިފޯރަމްގައި 63 ވަފުދު ތަމްސީލުކުރައްވާ 133 ޑެލިގޭޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި ބޭއްވި މިފަދަ އެންމެ ބޮޑު ފޯރަމެވެ. މި ފޯރަމުގައި ގިނަ އަދަދެއްގެ ބޭރުގެ ފަރާތްތަކުން ބައިވެރިވުމަކީ ރައީސް ސޯލިހްގެ ސަރުކާރު ބޭރު ދުނިޔެއިން ބަލައިގަންނަ މިންވަރު ހާމަކޮށްދޭ ކަމެކެވެ.