ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅަން ނިންމައިފައިވާ ނިންމުން އުވާލުމަށް ނިންމައިފިއެވެ.
އީޔޫ އިން މިކަމާ ގުޅެގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފިޔަވަލު އެޅުމަށް އީޔޫއިން އެކުލަވާލި ފްރޭމް ވޯކް އުވާލައިފައި ވަނީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާފައި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި މައްސަލަތައް ހައްލަކަށް ގެންނަވާފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.
އެގޮތުން މިއަހަރު ބޭއްވިގެން ދިޔަ 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު ދިޔަލެއް ސުލްހަވެރި ކަމުން އެކަން ފެންނަން އޮތްކަމަށްވެސް އީޔޫގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ މިހާރުގެ ޑިމޮކްރެސީ ނިޒާމާއި، ދައުލަތް ހިންގަމުން ގެންދާ ގޮތުގެ އިތުރުން އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ މިންވަރު، މިއަހަރުގެ މާޗް 11 ވަނަ ދުވަހު ބޭއްވުނު ރާއްޖެއާ އީޔޫ ގެ ބައްދަލުވުމުން އެނގިފައިވާ ކަމަށް އީޔޫގެ ބަޔާނުގައި ވެއެވެ.
މާޗް މަހުގެ ތެރޭގައި ބޭއްވުނު ބައްދަލުވުމަކީ ހިޔާލު ބަދަލުކޮށް، ހުޅުވާލެވިފައިވާ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމުގެ މަގްސަދުގައި އީޔޫއާ ރާއްޖެއާ ދެމެދުގައި ބޭއްވުނު ބައްދަލު ވުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.
މިއަހަރު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ތަރައްގީގެ ދާއިރާގައި އެއްބާރުލުން ދިނުމާއި ޑިމޮކްރަސީއާއި ގަވާނެންސް އަދި އިންސާނީ ހައްގުތަކާއި މޫސުމީ ބަދަލު ތަކުގެ އިތުރުން، ސަލާމަތީ ދާއިރާގައި އެއްބާރުލުން ދިނުން އިތުރުކުރުން ވެސް ހިމެނެއެވެ.
އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި، ދިވެހި ރާއްޖެއިން އިންސާނީ ހައްގުތަކަށް އަރައިގަނެ، ސިޔާސީ މިނިވަން ކަމަށް ހުރަސް އެޅުމުން ކަމަށް އީޔޫއިން ވަނީ ބުނެފައެވެ. އަދި މިފަދަ ކަންކަން ކުރާ ސިޔާސީ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ފްރޭމް ވޯކެއް އީޔޫއިން 2018 ވަނަ އަހަރުގެ ޖުލައި 16 ވަަނ ދުވަހު ވަނީ އެކުލަވާލައިފައެވެ. މި ފްރޭމް ވޯކުގައި ތެރެއިން އީޔޫގައި ހިމެނޭ ގައުމުތަކަށް އެފަދަ ސިޔާސީ ފަރާތްތަކުން އެތެރެވުމާއި އެމީހުންގެ ފައިސާ އާއި މުދާ ހިފެހެއްޓުމުގެ ބާރު ވަނީ އީޔޫގެ މެންބަރު ގައުމުތަކަށް ދީފައެވެ.