ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ބޭރުގެ އިންވެސްޓަރުންނަށް ފަހިވާ ގޮތަށް، އިންވެސްޓްމަންޓް ގާނޫނު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ސަރުކާރުން ބޭނުން ވަނީ މިހާރު ހިންގާ މަޝްރޫއުތައް ޖަޒީރާ ރާއްޖޭގެ ސިފަތައް ނުގެއްލޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ބޭރުގެ އިންވެސްޓަރުންނަށް ފަހިވާ ގޮތަށް، އިންވެސްޓްމަންޓް ގާނޫނު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ތަރައްގީ ގެނެވޭނީ ޕްރައިވެޓް ސެކްޓަރާ ސަރުކާރާ ގުޅިގެން ކަމަށާއި، ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު ކުރިއަށް ދިއުމަށް އެންމެ ރަނގަޅު މޮޑެލެއް ހޯދާނެ ކަމަށެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑު ކުރުމަށް ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަމީރު މިހެން ވިދާޅުވެފައިވާއިރު، ކުރު މުއްދަތުން ގެއްލިގެންދާ ތަރައްގީ އަށް ރާއްޖޭގެ ގުދުރަތީ ވެއްޓާއި ހުރިހާ ވަސީލަތްތަކެއް ގުރުބާން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ރާއްޖެ ދެމިއޮތުމަށް އެންމެ މުހިއްމު އެއްކަމަކީ، ތަރައްގީ ގެންނައިރު، ލިބެންހުރި ވަސީލަތްތަކާއެކު ތަރައްގީ ގެނައުން ކަމަށާއި، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނީ އޭރުން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށާއި، ތަރައްގީ އާއި ކުރިއެރުމަށް ފެންބޮވައިގަނެފައިވާ ޒުވާން އާބާދީއެއް އޮތް ރާއްޖޭގެ، ގުދުތަރީ ވެއްޓާއި ވަސީލަތްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގެއްލިގެންދާ ފަދަ ތަރައްގީއަށް ބޭނުން ކުރެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ މި ޕާޓްނާޝިޕް ފޯރަމަކީ ރައީސް އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ. މި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ. މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެއެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިސްތިސޯދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިގްތިސޯދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ. މީގެ ތެރޭގައި 'ނޫ އިގްތިސޯދުގެ' ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މައުލޫމާތު ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ.