ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ދުވަހުގެ ވެރިކަމުގައި ރާއްޖޭގައި 20،000 ހައުސިން ޔުނިޓް އަޅާނެކަން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅާފައިވާ ކަރުދާހެއްގައި ބުނާ ގޮތުން ސަރުކާރުގެ ޕްލޭނަކީ، މި ފަސް އަހަރު ދުވަހުގެ ތެރޭގައި 20،000 ހައުސިން ޔުނިޓް އެޅުމެެވެ. އަދި އެގޮތުގެ މަތިން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ނަމުގައި ބޯހިޔާވަހި ކަމަށް ހާއްސަ ކުންފުންޏެއް އުފައްދާފައިވާ އިރު، ބޯހިޔާވަހިކަމުގެ ހުރިހާ ކަމެއް ބަލަހައްޓާ މެނޭޖް ކުރާނީ މި ކުންފުނިން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅާފައިވާ ކަރުދާހުގައި ބުނެފައިވަނީ، ދަށް އާމްދަނީ ލިބޭ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަދި އިޖްތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހާއްސަ އަހައްމިޔައްތު ކަމެއް ދޭނެ ކަމަށެވެ. އަދި އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފައިނޭންޝަލް މެކޭނިޒަމެއް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

މި ކަރުދާހުގައި ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ބޯހިޔާވަހިކަން ހޯދުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި މިކަން ބޮޑަށް ދިމާވަނީ އާދައިގެ ދިރިއުޅުމެއްގައި އުޅެމުންދާ ފަރާތްތަކަށް ކަމަށެވެ. އަދި މިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބައެއް ކަންކަން ރާވާފައެވެ.

އެގޮތުން މަހަކު 5000 ރުފިޔާ ދައްކަން ޖެހޭގޮތަށް އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓާއެކު ބޯހިޔާވަހިކަމުގެ ލޯން ސްކީމެއް ފެށުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން އަލަށް ބޯހިޔާވަހިކަން ހޯދާ ފަރާތްކަށް ދެވޭ ސްކީމްގެ ތެރެއިން ލުއި ލޯންތައް ދެވިގެންދާނެ ކަމަށް ބުނެފައިވެއެވެ.

ހުރިހާ ރައްޔިތުންނަށް އަގުހެޔޮކޮށް ލިބޭނެ ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. އަދި ހާއްސަކޮށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.