ރާއްޖެއިން މިހާރު އެންމެ އިސްކަންދޭ ކަންތައްތަކަކީ ތެލަށް ކުރާ ބަރޯސާ ކުޑަކޮށް، ކުނިމެނޭޖު ކުރުމުގެ ވަސީލަތްތައް ގާއިމުކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ގައުމު ތަރައްގީ ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިއަދު ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ފެށި، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ހުޅުއްވާ ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ރައީސް ވިދާޅުވީ، 'ޖަޒީރާ ރާއްޖެ' އަކީ ދިވެހިންނަށް ސަރުކާރުން ވީ ވައުދެއް ކަމަށާއި، ރާއްޖެއަކީ ލިބިފައިވާ އާދަޔާ ހިލާފު ގުދުރަތީ މުއްސަނދިކަމާއެކު ދިރިއުޅުމުގެ އާދަކާދައާއި، ނަސްލާ، ދިވެހިންގެ ދިވެހިވަންތަ އައިޑެންޓިޓީގެ އިތުރުން ތަރައްގީގެ ރާސްތާ އެކަމުގެ މައްޗަށް ބައްޓަން ކުރުވާ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއް ކަމަށެވެ.

ރާއްޖެ ދެމިއޮތުމަށް އެންމެ މުހިއްމު އެއްކަމަކީ، ތަރައްގީ ގެންނައިރު، ލިބެންހުރި ވަސީލަތްތަކާއެކު ތަރައްގީ ގެނައުން ކަމަށާއި، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނީ އޭރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށާއި، ތަރައްގީ އާއި ކުރިއެރުމަށް ފެންބޮވައިގަނެފައިވާ ޒުވާން އާބާދީއެއް އޮތް ރާއްޖޭގެ، ގުދުތަރީ ވެއްޓާއި ވަސީލަތްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގެއްލިގެންދާ ފަދަ ތަރައްގީއަށް ބޭނުން ކުރެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯ އަކީ އެ ކަންތަކަށް އިސްކަންދީގެން އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށާއި. ރާއްޖެއާ މުޅި ދުނިޔެއަށްވެސް ދަސްވެގެން މިދާ ފިލާވަޅަކީ ކުރު މުއްދަތުން ގެއްލިގެންދާ ތަރައްގީ އަށް އަޅުގަނޑުމެންގެ ގުދުރަތީ ވެއްޓާއި ހުރިހާ ވަސީލަތްތަކެއް ގުރުބާން ނުކުރެވޭނެކަން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ބަރޯސާވަނީ ގައުމުގެ ގުދުރަތީ ރީތިކަމުގެ މައްޗަށް ކަމަށް ވިއަސް، އެކަމަށްވެސް ދިވެހިން އިހުމާލު ވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބޭ ވަސީލަތްތަކާއި އެ ތަރައްގީ އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު އެންމެ އަސާސީ ކަންތަކަށްވެސް ރަށްރަށުގެ މީހުން މާލެ އަންނަން ޖެހުނު ކަމަށާއި، މާލެ އަށް އިޖުތިމާއީ ގިނަ މައްސަލަތަކެއް ދިމާވީ އެއާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންތައް ހައްލު ކުރެވޭނީ ލާމަރުކަޒީ ކޮށްގެން ކަމަށާއި ރަށްރަށަށް ބޭނުންވާ ތަރައްގީ ގެނެސްގެން ނޫނީ މާލެ އަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައްވެސް ހައްލު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އަތޮޅުތެރެ ތަރައްގީ ކުރާނީ އެ ތަންތަނުގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށާއި، މިހާރުވެސް ކައުންސިލްތަކާއެކު އެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019ގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

މި ފޯރަމަކީ، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "ފޯރަމެކެވެ. ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި މި ފޯރަމް، ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސް ސޯލިހް ވާހަކަ ދައްކަވާފައިވާއިރު، މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމުގައި ނައިބު ރައީށް ފައިސަލް ނަސީމު ވެސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ސޯލިހާއި ނައިބު ރައީސްގެ އިތުރުން ކެނބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ފޯރަމަކީ ރައީސް އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ. މި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ. މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެއެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިސްތިސޯދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިގްތިސޯދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ. މީގެ ތެރޭގައި 'ނޫ އިގްތިސޯދުގެ' ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މައުލޫމާތު ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ.