މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ބައިވެރިވާ ވަފުދުތައް ރާއްޖެ އަންނަން ފަށައިފިއެވެ.

މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބޭރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ރާއްޖޭގައި ބާއްވާ ފޯރަމްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓްރީން ބުނީ އެކިގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ ތެރެއިން މާލެ، ކޮޅުނބު އަދި ދިއްލީގައި ތިއްބަވާ ގިނަ ސަފީރުން ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ އެކި ގައުމުތަކުގެ ސަފީރުންނާއި އަދި ޖަމްއިއްޔާތައް ތަމްސީލްކުރައްވާ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް މިއަދާއި މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މާދަމާގެ އެކި ވަގުތުތަކުގައިވެސް މީގެ ތެރެއިން ބައެއް ބޭފުޅުން ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕާޓްނާޝިޕް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކުރުނބާ މޯލްޑިވްސްގައެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ޝަރަފުގައި މާދަމާ ރޭ ޝެރެޓަން މޯލްޑިވްސް ރިސޯޓުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވާ ފަރިއްކޮޅެއް އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރުއެވެ. ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު ޝާހިދު އަދި ފިނޭންސް މިނިސްޓަރ އަމީރު ވާހަކަފުޅު ދެއްކުވުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ މާލީ އަދި އިގްތިސޯދީ ދާއިރާއާ، ނޫ އިގްތިސޯދު، އިޖްތިމާއީ ދާއިރާ، އިދާރާތައް ހަރުދަނާކުރުން، ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން ތަރައްގީކުރުމާއި ގުޅޭގޮތުންނެވެ.

މި ފޯރަމް ފަށްޓަވައިދެއްވާނީ ރައީސް ސޯލިހެވެ. ފޮރިން މިނިސްޓްރީން ބުނީ ފޯރަމް ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާކަމަށެވެ.