ރައީސް އަދަބު ލުއިކޮށް ނުދެއްވައި ގައިދީއަކު ޖަލުން ދޫކޮށްލި ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އިތުރު ނުވަ ގައިދީއަކު އަނެއްކާވެސް އަދަބު ލުއިކޮށް ނުދީ އޮއްވާ ދޫވެފައި ވާކަމަށް އަޑު ފެތުރިއްޖެއެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި 9 ގައިދީއަކު ޖަލުން ދޫވެފައި ވަނީ ދާދި ފަހުންނެވެ. ނަމަވެސް އެމީހުން ދޫވެފައި ވަނީ ކިހިނެއް ކަމެއް އަދި ކޮން ތާރީހެއްގައި ކަމެއް ނޭނގެއެވެ. އަދި މިކަން ކަރެކްޝަނުން ދޮގުކޮށްފައެއްވެސް ނުވެއެވެ.

ކަރެކްޝަންސްގެ ސްޕޯކްސްޕާސަން އަހުމަދު ނަސީމް "ދަޕްރެސް" އަށް ވިދާޅުވީ ގައިދީންތަކެއް ދޫވެގެން އުޅޭކަމުގެ މައުލޫމާތެއް އެ އިދާރާއަށް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ފެތުރެމުންދާތީ އެކަން ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން ދޫވި ގައިދީގެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސްގެ ފަރާތްޕުޅުން އަދަބު ލުއިކޮށް ދިނުމެއް ނެތި ގައިދީއަކު ޖަލުން ދޫވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ފަހުން ދޫވިކަމަށް ބުނާ ނުވަ ގައިދީއެއްގެ މައްސަލައިގައި މިހާތަނަށް އެ މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކު މިނިވަންވާނީ ރައީސް އެ ގައިދީއެއްގެ ހުކުމުގެ ބާކީ ބައި މައާފު ކޮށްދެއްވުމުންނެވެ. ނަމަވެސް ގައިދީންގެ ތެރެއިން ރައީސަށް މައާފު ނުދެއްވޭ ގައިދީން ވެސް ތިބެއެވެ. އޭގެ ތެރޭގައި މަރަށް ހުކުމް ކޮށްފައި ތިބޭ ގައިދީން ހިމެނެއެވެ.