ލޯބިލޯބިކޮށް އޮންނަ ތުއްތު ކުއްޖެއްގެ ގިލިގިލި ކޮއްޓާލުމުން ހިނިތުންވެލާ މަންޒަރަކީ ކޮންމެ މީހެއްގެ ހިތްވެސް އުފަލުން ބަންޑުން ކޮށްލާނެ މަންޒަރެކެވެ. ނަމަވެސް މިއީ ކުރަން އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ފަހުގެ ހޯދުންތަކުން މިވަނީ ސާބިތުވާން ފަށާފައެވެ. ގިލިގިލި ކޮއްޓާލުމުން ނުވަތަ ގިލިގިލި ކޮއްޓާލަން އުޅޭކަމުގެ އިހުސާސް ތުއްތު އަދި ކުޑަ ދަރިފުޅަށް ވާ ހިސާބުން ހިނިގަނޑު ފަޅައިގެންދާ ސަބަބާ، އެކަމުގެ ސަބަބުން އެ މައުސޫމު ކުއްޖާއަށް ކުރިމަތިވާ ނުރައްކާތަކަށް ވިސްނާ ލެވުނުތޯއެވެ.

އެންމެ ފުރަތަމަ ކަމަކީ، އެ ގޮތަށް ގިލިގިލި ކޮއްޓުމަކީ އެކުއްޖާ ރުހޭ ކަމެއްކަން ނުވަތަ ނުވަތަ ނޫންކަންވެސް އެ ތުއްތު ދަރިފުޅަށް ބުނެދޭން ނޭނގުމެވެ. ފަހަރުގައި އެކުއްޖާ އެ ހެނީ ނޫން ކަމުގައިވެސް ވެދާނެއެވެ. ހިނިގަނޑެއްގެ ގޮތުގައި ބޭރަށް އެ ފެންނަނީ އެކުއްޖާ ނޭވާލާން އުޅޭ މަންޒަރު ކަމުގައިވެސް ވެދާނެއެވެ.

އަމިއްލަ އިހުސާސްތައް ބަޔާން ކޮށްދެވެން ދެން ތުއްތު ދަރިފުޅުގެ ގިލިގިލި ނުކޮއްޓަންވީ އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީއެވެ. ގިލިގިލި ކޮއްޓުމަކީ އެދަރިފުޅު ގަޔާވާ ނުވަތަ އެ ދަރިފުޅަށް މަޖާވާ ކަމަކަށްވެސް ނުވެދާނެ ކަން ދަންނަންޖެހެއެވެ.

ގިލިގިލި ކޮއްޓަނީ ދަރިފުޅުގެ ރުހުމެއް ނެތިކަމުގައި ވަނީނަމަ އެ އަށަގެންނެވެނީ އިންތިހާއަށް ނުރަނގަޅު އާދައެކެވެ. އެދަރިފުޅަށް ވުރެ ބޮޑު ކޮންމެ މީހަކީ، އެ ދަރިފުޅަށް ބޭނުން ގޮތެއް ހަދާލެވިދާނެ މީހެއް ކަމުގެ އިހުސާސް އެ ދަރިފުޅަށް ކުރެވެން ފަށާކަމަށް ފަހުގެ ހޯދުން ތަކުން ދައްކައެވެ. އަމިއްލަ ހަށިގަނޑަށް ބާރެއް ނެތް ބައެއް ކަމުގެ އިހުސާސް އެ ދަރިފުޅުގެ ނާޒުކުރު ސިކުނޑީގައި ތާ އަބަދަށް ހަރުލުންވެސް އެކަށީގެންވެއެވެ.

ގިލިގިލި ކޮއްޓުމުގެ ތާރީހަށް ބަލާއިރު، މާޒީގައި މިކަން ކޮށް އުޅުނީ މީހުންނަށް އަދަބު ދިނުމުގެ ރޫހުގައެވެ. ވަކިން ހާއްސަކޮށް، ޗައިނާގެ ހާން ޑައިނަސްޓީގައި ކުށްވެރިންނަށް އަދަބުދީ އަނިޔާ ކުރުމަށް ބޭނުންކުރި އުކުޅަކީ ގިލިގިލި ކޮއްޓުމެވެ. ކުށްވެރިންނަށް އަދަބު ދިނުމަށް މި އުކުޅު ބޭނުންކޮށް އުޅުނީ، ގަދައަށް ގިލިގިލި ކޮއްޓުމުން ހަށިގަނޑަށް ދަތު އިހުސާސް ކުރެވޭތީއެވެ. އަދި ގިލިގިލި ކޮއްޓިކަމުގެ ޖިސްމާނީ އެއްވެސް ހެއްކެއް، ފަހުން ހަށިގަނޑުން ފެންނަން ނުހުންނާތީއެވެ.