ހަނދާ މާސްއަށް ޖައްވީ މިޝަންތަކާ ސެޓެލައިޓްތައް ފޮނުވުމަށް ފަހު، ކުރިއަށް އޮތް 7 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ މަރުކަޒެއް ޖައްވުގައި ގާއިމު ކުރެވިގެންދާނެ ކަމަށް އިންޑިއަން ސްޕޭސް ރީސާޗް އޯގަނައިޒޭޝަން (އައި.އެސް.އާރް.އޯ)ގެ އިސްވެރިޔާ ކޭ ސިވާން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސްޕޭސް ޖީތެންދްރާ ސިންހްއާ އެކު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސިވާން ވިދާޅުވީ، މިއީ "ގަންގަޔާން" މިޝަންގެ ބައެއް ކަމަށެވެ.
"ގަންގަޔާން" މިޝަންއަކީ 2022 ވަނަ އަހަރު އަންނައިރު، އިންޑިއާއިން ޖައްވަށް މީހުން ފޮނުވުމަށް އަމާޒު ހިފާފައިވާ މިޝަންއެކެވެ.
ސިވާން އިތުރަށް ވިދާޅުވީ ހަނދާ މާސްއަށް އިންސާނުން ފޮނުވާ މިޝަންގައި އިންޑިއާއިން ބައިވެރި ވާކަމަށެވެ. އިންޑިއާއިން ޖައްވަށް މީހުން ފޮނުވުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ދެއްވާފައިވާ ސުންގަޑި ހަމަވާނީ 2022 ވަނަ އަހަރު ކަމަށް ވާއިރު، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަސް އަންނައިރު، މި މިޝަން އިންޑިއާއިން އުދުއްސާލާނެ ކަމަށް ޚަބަރު ލިބެއެވެ.