ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ފެށައިފައި ވާކަމަށް ޖޭއެސްސީން ބުނެފިއެވެ.

މި ބައްދަލުވުމަކީ ގާނޫނު އަސާސީ އާއި ގާނޫނުން ޖޭއެސްސީ އަށް ލިބިދީފައިވާ އިހްތިސާސްގެ ބޭރުން، އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ އިހްތިސާސް އަށް ހުރަސް އެޅުމަށް އެ ކޮމިޝަނުން ކުރަމުން ދާ ކަމަށް ބަލާ ބާއްވާ ބައްދަލު ވުމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީ އިން އެ ކޮމިޝަނުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުން ބާތިލުކޮށް އޭނާގެ މައްޗައް ފިވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާގޮތުން ޖޭއެސްސީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނާ އަދި ދިވެހި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް، ދުސްތޫރީ އިޖްރާއާތުގެ ބޭރުން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

އަދި މި މައްސަލަ ހުށަހަޅުއްވާފައިވާ ގޮތަށް ޖުޑީޝަލް ސާވިސް އަށް ބަލައިގަނެ އެ ކޮމިޝަނުން ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި، އަދި އިއްޔެ ޖޭއެސްސީގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅުއްވާފައިވާ ފޯމު ބަލައިގަތުމަށް ސުްރިމް ކޯޓުން ނިންމާފައި ވާކަމަށް ވެސް އެ އަމުރުގައި ވެއެވެ.

އެހެން ކަމުން މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެއް ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ އާމެދު އެއްވެސް ގޮތެއް ނުނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖުޑިޝަލް ކައުންސިލަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ 2 ފަނޑިޔާރުން ހިމެނޭގޮތަށް ސުޕްރީމް ކޯޓުން އެކުލަވާލައިފައިވާ 6 މެންބަރުންގެ ކައުންސިލެކެވެ. އެގޮތުން މި ކައުންސިލުގައި ހިމެނިވަޑައިގަންނަވާ 6 މެންބަރުންނަކީ އުއްތަމަ ފަނޑިޔާރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހައިކޯޓުގެ ފަނޑިޔާރު، ސިވިލް ކޯޓުގެ އިސް ގާޒީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ، ފެމިލީ ކޯޓުގެ އިސް ގާޒީ، ޖުވެނައިލް ކޯޓުގެ އިސް ގާޒީ އަދި ޑްރަގް ކޯޓުގެ އިސް ގާޒީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން އައްޔަން ކޮށްފައިވާ 2 މެޖިސްޓްރޭޓުންނެވެ.