ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ފަށްޓަވައިދެއްވައިފިއެވެ.

މިއީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވަކި ދުވަހެއް ކަނޑައަޅާ މި ދުވަސް ދުނިޔޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މިގޮތުން ކޮންމެ އަހަރެއްގެވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދ ގެ ޖެނެރަލް އެސެންބްލީން، މިދިޔަ އަހަރުގެ ޑިސެމްބަރު 2018 ގައި ވަނީ ނިންމާފައެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިގްތިސޯދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ.

ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެއެވެ. އަދި މިއީ އާއްމު ސިއްހަތަށް ހުރި ގޮންޖެހުމެއްގެ އިތުރުން އިގްތިސޯދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" އެވެ. މިގޮތުން ދަނޑުން ސުފުރާއާއި ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެންގެ ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ވަނީ ގޮވަލާފައެވެ.

ދުވަހުގެ ޝިއާރާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ތެރެއިން ކޮންމެ ފަރުދެއް ވެސް އެފަރުދެއްގެ ހައިސިއްޔަތުން ކަބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވައުދު ވުމުގެ ހަރަކާތް ފެއްޓެވުމުގެ ގޮތުން ހެލްތް މިިނިސްޓަރު ވަނީ ކަބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރުމަށް ވައުދުވެ ވަޑައިގެންފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ މީސް މީޑިއާ ކެންޕޭން ހަރަކާތްތަކާއި، ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދުމަށްވެސް ވަނީ ރާވާފައެވެ.