މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެހި ހުރި 230 ކަރުދާސްކޮޅާ އެކު ބ. ކަމަދޫން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެ އަތޮޅު ކަމަދޫގައި ހިންގި އޮޕަރޭޝަނެއްގައި ކަމަންދޫގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ކަމަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ 01:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށް، މިމީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 230 ކަރުދާސްކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.