ކާކުކަން ނޭނގޭގޮތަށް ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ގާއިމްކުރި އޮންލައިން ޕޯޓަލް އަށް މިހާތަނަށް 400 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި "ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ކެމްޕޭނުގެ ދަށުން ވިސްލް ބުލޯވާ ޕޯޓަލްއަށް 400 މައްސަލައެއް ހުށަހެޅިފައިވާ އިރު، އޭގެ ތެރެއިން 18 މައްސަލައެއް ބަލައިދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން ލޯންޗުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މި ޕޯޓަލަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ރައީސް ސޯލިހު އުފައްދަވާފައިވާ ހާއްސަ ކޮމިޓީންނެވެ. އެގޮތުން ހުރިހާ މައްސަލައެއް ވެސް ބަލައި ގިންތި ކުރުމަށްފަހު ރައީސްގެ އަރިހަށް ފޮނުވަން ޖެހޭ ކަމަށް ބެލެވޭ މައްސަލަތައް ފޮނުވުމަށްފަހު އެ ނޫން މައްސަލަތައް ކޮމިޓީން ބަލާ ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ރައީސަށް ފޮނުވާ މަސައްލަތަކާއި މެދު އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނު އަންގަވާ ގޮތަކަށެވެ. އަދި ތަހުގީގު ކުރުމަށް ފޮނުވަން ޖެހޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވިގެންދާނެއެވެ.

ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އެ މައްސަލަތައް ރިޕޯޓު ކުރުމަށް ބާރު އެޅުމަށް ހުޅުވާފައިވާ ޕޯޓަލް ބައްޓަންކޮށްފައި ވަނީ މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދަ ގޮތަކަށެވެ. އެގޮތުން މި ޕޯޓަލަށް މައްސަލަ ހުށަހަޅާ އެއްވެސް ފަރާތެއްގެ އަމިއްލަ މައުލޫމާތެއް ހިއްސާ ކުރަން ނުޖެހޭއިރު މައްސަލަ ހުށަހަޅާފައިވަނީ ކޮން ފަރާތަކުންކަން އެނގޭނެ އެއްވެސް ގޮތެއް މި ޕޯޓަލުގައެއް ނުވެއެވެ.