ކައުންސިލްގެ މަސައްކަތްތަކާމެދު ހިތްހަމަނުޖެހި ވަޑައިގެން، ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ފަހުން މިދިޔަ ސަރުކާރުގައި އޭނާ ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ. މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ، ކައުންސިލްގެ ނައިބު ރައީސަށް އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އުއްމީދު ކުރެއްވިގޮތަށް ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށެވެ.

ސަމީރު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމަދޫ ކައުންސިލްގެ ރައީސް އެއް ހޮވުމަށް މިއަދު ވަނީ އެޖެންޑާކޮށްފައެވެ.

ކަމަދޫ ކައުންސިލަށް މެންބަރުން ހޮވި އިރު، އެ ކައުންސިލަށް ހޮވުނީ އެމްޑީޕީގެ ތިން މެންބަރުންނެވެ. ނަމަވެސް ސަމީރު ޕީޕީއެމަށް ސޮއި ކުރުމުން އެ ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުންނާއި ޕީޕީއެމްގެ އެއް މެންބަރެކެވެ.