މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް އަންނަ ހޯމަ އަދި އަންގާރަ ދުވަހު ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އަންނަ ހޯމަ އަދި އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އިންވެސްޓިން އިން އަ ރިޒިލިއަންސް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" އެވެ. މި ފޯރަމްގައި ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ރަހްމަތްތެރި ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާއި ބެހޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުން ހިމެނެއެވެ.

މި ފޯރަމްގައި، ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެކި ގައުމުތަކާއި ބައިނަލްއަގުވާމީ މުޖްތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވި، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުން ތަކުން އަރައިގަތުމަށް އިގުތިސޯދީ އަދި އިޖުމާއީ އެކި ދާއިރާތަކުން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ފޯރަމްގައި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އާއި، ގައުމީ ތަރައްގީގެ ޕްލޭނާއި ބެހޭ ގޮތުން ސަރުކާރުގެ ބައެއް ވަޒީރުން މައުލޫމާތު ދެއްވައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެއެވެ. މިއަހަރުގެ ޕާޓްނާޝިޕް ފޯރަމްގައި ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެވޭނެއެވެ.

ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި:

  • މާލީ އަދި އިގުތިސޯދީ ދާއިރާ – ދިވެހިރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގުތިސޯދީ ހާލަތު،
  • ނޫ އިގުތިސޯދު – ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިގުތިސޯދީ ދާއިރާ ތަރައްގީކުރުން،
  • އިޖުތިމާއީ ދާއިރާ – ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްގީކުރުމާއި، ސަގާފީ އަދި ޒުވާނުންނާއި ގުޅޭ ކަންކަން،
  • އިދާރާތައް ހަރުދަނާކުރުން – ހިންގުމާއި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުން،
  • ޕްރައިވެޓް ސެކްޓާއާ ގުޅިގެން ތަރައްގީ ކުރުން – ގައުމީ ތަރައްގީގައި ޕްރައިވެޓް ސެކްޓާ އަށް އަދާކުރެވިދާނެ ދައުރާއި ބެހޭ ގޮތުން މަޝްވަރާކުރުން ހިމެނެއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަކީ ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލެޓަރަލް ބައްދަލުވުމެވެ. މިފޯރަމްގައި ބައިވެރިވުމަށް ގިނަ ގައުމުތަކަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެއަށް އައިސް، ސަރުކާރުގެ ތަރައްގީގެ އެޖެންޑާއަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ދާއިރު، ސަރުކާރުގެ އެކި އިދާރާތަކުން ހިންގާ އެކި މަޝްރޫއުތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު މިހާރު ފޯރުކޮށްދީފައި ވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި މިނިސްޓާ އޮފް ފައިނޭންސް އިބްރާހިމް އަމީރު ކޯ-ހޮސްޓް ކުރައްވާ މި ފޯރަމްގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ބައެއް އިދާރާތަކުން ބައިވެރިވާނެއެވެ. އަންނަ ހޯމަ ދުވަހު އޮންނަ މި ޕާޓްނާޝިޕް ފޯރަމް އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި މި ފޯރަމް ބޭއްވުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.