މިދިޔަ މަހު 44 ޕަސެންޓް ގޭބިސީން 600 ޔުނިޓަށްވުރެ މައްޗަށް ކަރަންޓު ބޭނުން ކޮށްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، މިއަހަރުގެ ޖެނުއަރީމަހު ގްރޭޓާ މާލެ ސަރަޙައްދުގައި 600 ޔުނިޓަށްވުރެ މަތިން ކަރަންޓު ބޭނުން ކޮށްފައިވާ ގޭބިސީތަކުގެ ނިސްބަތް 27 ޕަސެންޓުގައި ހުރިއިރު، މިއަހަރުގެ މޭ މަހު މިނިސްބަތްވަނީ 44 ޕަސެންޓަށް އިތުރުވެފައި ކަމަށެވެ. އެގޮތުން މިދިޔަ ޖެނުވަރީ މަހު 501 ޔުނިޓާއި 600 ޔުނިޓާއި ދެމެދުގެ ޔުނިޓުތަކުގައި ކަރަންޓު ބޭނުން ކުރި ގޭބިސީތަކުގެ ނިސްބަތް 10 ޕަސެންޓުގައި ހުރި އިރު މިދިޔަ މަހު ވެސް އެ ނިސްބަތް ހުރީ 10 ޕަސެންޓުގައެވެ.

ސްޓެލްކޯ އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި ސަރަހައްދުގައި 401 ޔުނިޓުން 500 ޔުނިޓާއި ދެމެދުގެ ޔުނިޓްތަކުގައި ކަރަންޓު ބޭނުން ކުރި ގޭބިސީތަކު ނިސްބަތް 12 ޕަސެންޓުގައި ހުރި އިރު މިދިޔަ މަހު އެ ނިސްބަތް 11 ޕަސެންޓަށް ދަށްވެ 301 ޔުނިޓުން 400 ޔުނިޓާއި ދެމެދުގެ ޔުނިޓްތަކުގައި މިދިޔަ ޖެނުވަރީ މަހު ކަރަންޓު ބޭނުން ކުރި ގޭބިސީތަކު ނިސްބަތް ހުރީ 15 ޕަސެންޓުގައެވެ. މިދިޔަ މަހު އެ ނިސްބަތް ވަނީ 11 ޕަސެންޓަށް ދަށްވެފައެވެ. އަދި މިދިޔަ ޖެނުވަރީ މަހު 201 ޔުނިޓުން 300 ޔުނިޓާއި ދެމެދުގެ ޔުނިޓްތަކުގައި ކަރަންޓު ބޭނުން ކުރި ގޭބިސީތަކު ނިސްބަތް 15 ޕަސެންޓުގައި ހުރި އިރު މިދިޔަ މަހު އެ ނިސްބަތް ވަނީ 10 ޕަސެންޓަށް ދަށްވެފައެވެ.

މީގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި މިދިޔަ ޖެނުވަރީ މަހު 101 ޔުނިޓުން 200 ޔުނިޓާއި ދެމެދުގެ ޔުނިޓްތަކުގައި ކަރަންޓު ބޭނުން ކުރި ގޭބިސީތަކު ނިސްބަތް 11 ޕަސެންޓުގައި ހުރި އިރ މިދިޔަ މަހު އެ ނިސްބަތް ހަތް ޕަސެންޓަށް ދަށްވެފައެވެ. 100 އަށް ވުރެ ދަށް ޔުނިޓްތަކުގައި މިދިޔަ ޖެނުވަރީ މަހު ކަރަންޓު ބޭނުން ކުރި ގޭބިސީތަކު ނިސްބަތް 10 ޕަސެންޓުގައި ހުރި އިރު މިދިޔަ މަހު އެ ނިސްބަތް ވަނީ ހަތް ޕަސެންޓަށް ދަށްވެފައެވެ.

ސްޓެލްކޯ އިން އާންމު ކުރި ތަފާސް ހިސާބުތައް

އިއްޔެ ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ އެ ކުންފުނީގެ ރިކޯޑްތައް ދައްކާ ގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރެވެނީ ކޮންމެ އަހަރެއްގެ ވެސް މާޗް، އޭޕްރީލް އަދި މެއި މަހުގައި ކަމަށް ވިދާޅުވެފައެވެ. ދެން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރެވޭ މަހެއްގެ ގޮތުގައި މުޣުނީ ފާހަގަ ކުރެއްވީ ރޯދަ މަސް ކަމުގައެވެ. އެގޮތުން މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގެ ތެރެއަށް ރޯދަމަހުގެ ބައެއް ހިމެނިގެން ދިޔުމަކީ ނިމިދިޔަ މަހުގެ ބިލު ބޮޑުވެ އެކަމުގެ ގިނަ ޝަކުވާތައް ގިނަ ވެފައިވާ ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޑޮމެސްޓިކް ޓެރިފް މުޅި ރާއްޖެއަަށް އެއްހަމަ ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ރަށްރަށުގައި ބޭނުންކުރާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދު މާލެއާ އެއްހަމައަކަށް ގެނެސްފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެއިތުރުން ބިޒްނަސް ޓެރިފްގެ ގޮތުގައި މާލޭގެ ބޭރުން އެންމެ އަގުތައް ދަށްކޮށް ހުރި އައްޑޫ އާއި ފުވައްމުލަކުގެ އަގުތަކާއި އެއްހަމައަށް އެހެނިހެން ރަށްރަށުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އަގުތައް ގެނެސްފައިވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ފިއުލް ޑިސްކައުންޓެއްގެ ގޮތުގައި މިހާރު ކޮންމެ ކަސްޓަމަރެއްގެ އަތުން ކަރަންޓު ބޭނުންކޮށްފައިވާ ކޮންމެ ޔުނުޓަކަށް 12 ލާރީގެ ނިސްބަތުން ޑިސްކައުންޓެއް ދީފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.