ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ކަމަށެވެ.

ޑީޖޭއޭއިން ބުނީ މި ޖަމިއްޔާ އުފެއްދުމަށް ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޔޫތް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޑީޖޭއޭއިން ބުނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމިއްޔާ ހެދުމުގެ ހައްގުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން ކަމަށެވެ.