ބައިނަލްއަގުވާމީ ބާޒާރަށް ހާއްސަކޮށްގެން، އުދުހޭ ކާރުގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާނީ އޮސްޓްރޭލިއާގައި ކަމަށް ޓެކްސީ ކުންފުނި އޫބާއިން ބުނެފިއެވެ.

އޫބާ އެއާގެ ހިދުމަތް އޮސްޓްރޭލިއާއަށް ތައާރަފު ކުރާއިރު މި ހިދުމަތް ދޭނީ މެލްބަންގައި ކަމަށް މައުލޫމާތު ލިބެއެވެ.

މެލްބަންއަކީ މިލިސްޓަށް އިތުރުވި 3 ވަނަ ސިޓީއެވެ. މި ލިސްޓުގައި ދެން އޮތީ އެމެރިކާގެ ލޮސް އެންޖަލީސްއާއި ޑެލަސްއެވެ.

މެލްބަންގައި ދޭ އޫބާ އޭއާގެ ޓެސްޓު ދަތުރުތައް 2020 ވަނަ އަހަރު ފަށާއިރު، ވިޔަފާރި އުސޫލުން ހިދުމަތް ދެވޭ ވަރުވާނީ 2023 ވަނަ އަހަރު ކަމަށް އޫބާ ކުންފުނިން ބުނެއެވެ.

ގިނަ ކުންފުނިތަކަކުން މިހާރުވެސް ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ކުރިމަގަށް ހާއްސަކޮށްގެން އުދުހޭ ޓެކްސީގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ.

އުބާ ކުންފުނިން ބުނާ ގޮތުގައި އުބާ އެއާގެ ޚިދުމަތާއެކު، 19 ކިލޯމީޓަރުގެ ދަތުރެއް 10 މިނެޓް ތެރޭގައި ކޮށްލެވޭނެއެވެ. އެހެން ނޫންނަމަ މިވަރުގަދަ ދަތުރަކަށް އެވަރޭޖުކޮށް ގަޑިއެއްހާއިރު ހޭދަވާނެއެވެ.

ވައިގެ މަގުން ޓެކްސީގެ ހިދުމަތް އެންމެ ފުރިހަމަ ފެންވަރުގައި ދިނުމަށް އުބާ ކުންފުނިން ދަނީ އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން ޖައްވީ އިދާރާ (ނާސާ)އާ އެކުގައިވެސް މަސައްކަތްތަކެއް ކުރަމުންނެވެ.