ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު 2019 ގައިވާ ގޮތުގެ މަތިން އެކަންކަން ބެލުމަށް ހޯމް މިނިސްޓްރީން ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ރިޕޯޓުގެެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިސްލާހުތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ މިއަދު އެކުލަވާލައްވާފައިވާ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ (ރިޔާސަތު)، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް އަލީ ނަޒީރު، އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފްގެ އިތުރުން ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހުކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.
ޖަލުތަކުގެ އޮޑިޓް ރިޕޯޓްގެ ކަންކަން ބަލަން ކޮމިޓީއެއް އެކުލަވާލި އިރު، ހިއުމަން ރައިޓްސް ކޮމިޗަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ 2011، 2014 އަދި 2017 ވަނަ އަހަރު ކުރި ޒިޔާރަތުން އެކުލަވާލި ރިޕޯޓުގައި ހައްލުކުރަން ބުނި އެއްވެސް ކަމެއް މިހާތަނަށް ހައްލުކޮށްފައި ނުވާ އިރު، މިހާރުވެސް މާލޭ ޖަލުގައި ސިއްހީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވުމާއެކު، ކޮމިޝަންގެ އިސްނެގުމުން ބަންދު މީހުންގެ ސިއްހަތާއި ގުޅުންހުރި 30 މައްސަލައެއް ކޮމިޝަނުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.