ޒަމާނީ ޓެކްނޮލޮޖިއާއިއެކު ހަމަ ދުނިޔޭގައި ގާތް ރަހުމަތްތެރިންނާ ވާހަކަދައްކާލާ އުޅެވެނީ މަދު ބަޔަކަށެވެ. ރަހުމަތްތެރިންނާއެކު ކޮފީއަކަށް އެރިއަސް އަތުގައި އޮންނަ ސްމާޓްފޯނަށް ދެވޭ ސަމާލުކަން މާ ބޮޑެވެ.
މި ނޭދެވޭ އަދައާއި މީހުން ދުރުކުރުވުމަށް ކެލިފޯނިއާގެ ޕިއްޒާ އައުޓްލެޓެއް ކަމަށްވާ 'ކަރީ ޕިއްޒާ ކޮމްޕެނީ'އިން މިވަނީ އެކުގައިދާ ރަހުމަތްތެރިންނާ ވާހަކަ ދައްކައިގެން ޑިސްކައުންޓް ލިބޭ ގޮތަށް ކެމްޕޭނެއް ފަށާފައެވެ.
'ޓޯކް ޓު އީޗް އަދާ'ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭންގައި ބައިވެރިވުމަށްޓަކައި މި ކެފޭއަށްވަނުމަށްފަހު އެމީހާގެ ސްމާޓްފޯނުގައި ތަޅުއަޅުވަން ޖެހެއެވެ. މި ކެމްޕޭންގައި ބައިވެރިވެވެނީ 4 މީހުންގެ ގުރޫޕަކަށެވެ. ކާމިޔާބު ކަމާއެކު މި ހަރަކާތް ފުރިހަމަކޮށްފިނަމަ އެމީހުން ދެން އެކެފޭއަށް ޒިޔާރަތްކުރާ ފަހަރަކު ބޮޑު ޕިއްޒާއެއް ހިލޭ ލިބެއެވެ. ނުވަތަ ގެދޮރު ނެތް މީހަކަށް އެ ޕިއްޒާ ހަދިޔާވެސް ކުރެވިދާނެއެވެ.
ކަރީ ޕިއްޒާ ކޮމްޕެނީއިން އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ރަހުމަތްތެރިންނާ އާއިލާގެ މެމްބަރުންގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ.
މީގެ 3 ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައިވާ މި ޕްރޮމޯޝަންގެ ދަށުން މިހާތަނަށް 40-50 އާއި ދެމެދު އަދަކަށް ބޮޑު ޕިއްޒާ ހިލޭ ދޫކޮށްލާފައިވާކަމަށް ކަރީ ޕިއްޒާ ކޮމްޕެނީއިން ބުނެއެވެ.
މިއީ ރާއްޖޭގެ ކެފޭ ތަކާ ރެސްޓޯރަންޓުތަކަށްވެސް މިއަދު ބޭނުންވެފައިވާ ޕްރޮމޯޝަނެކެވެ.