ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު މަގާމުން މުސްކުޅިވެފައި ހުރި، އުމުރުން 84 އަހަރުގެ ޓެޓްސޫޔާއަކީ މިއަދު އިންޓަނެޓްގައި އުޅޭ އެންމެ ފެޝަނަބަލް ކާފަގެ ލަގަބު ހޯދާފައިވާ މީހާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.
މިކަމެއް ފެށުނީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އެއީ އޭނާގެ ކާފަ ދަރިފުޅު ނައޯޔާ ކޫޑޯއާއި ބައްދަލުވި ހިސާބުންނެވެ. ކާފައާއި ބައްދަލުވުމާއެކު ނައޯޔާ ފުރަތަމަވެސް އެދުނީ ޒަމާނީ ހެދުންތަކެއްގައި މޮޑެލްކޮށްދިނުމަށެވެ. އެއީ ފެޝަން ފޮޓޯޝޫޓަކަށް ބޭނުންވާ ފޮޓޯޓަކެއް ނެގުމުގެ ބޭނުމުގައެވެ. ޓެޓްސޫޔާއަށްވެސް މިކަންވީ ރަނުގެ ފުރުސަތަކަށެވެ. އެއީ އޭނާގެ ކަފަދަރިފުޅާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަން ލިބޭތީއެވެ.
ދެބަފައިން އެކުގައި ނެގި ފޮޓޯތަށް ކަމުދިޔަލެއް ބޮޑުކަމުން ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ހިއްސާކުރަން ފެށިއެވެ. އިސާހިތަކު މުޅި އިންޓަނެޓް ފަތަހަކޮށްފިއެވެ.
ޓެޓްސޫޔާގެ މޫނުމަތިން ފެންނަ ތާޒާކަމަކީ، ތާޒާ ތަރުކާރީ ބާޒާރެއްގެ ރެކުތަކުން ފެންނަ ތަރުކާރީތަކަށްވުރެވެސް ތާޒާކަމެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޓެޓްސޫޔާގެ މަގުބޫލުކަން އިންތިހާއަށް އިތުރުވާންފެށިއެވެ.
ކާފަގެ މަގުބޫލުކަން ފެނި، ނައޯޔާ ވަނީ އޭނާގެ ކާފައަށް ހާއްސަ އިންސްޓަގްރާމް އެކައުންޓެއްވެސް ހަދާދީފައެވެ. 1 މަސްދުވަހުގެ ތެރޭގައި 99000 ފޮލޯވާޒް ލިބުނެވެ. އަދިވެސް މިއަދަދު ދަނީ އިތުރުވަމުންނެވެ. ނައޯޔާ ބުނީ އަދިވެސް ގިނަ ފޮޓޯތަކެއް ޕޯސްޓުކުރަން އެބަހުރި ކަމަށެވެ.
ފެޝަނަކީ ވަކި އުމުރަކަށް ނުވަތަ ޖިންސަކަށް އޮންނަ ކަމެއް ނޫންކަން، މި ލޯބި ލޯބި ކާފަ އާއި ކާފަ ދަރިފުޅު މިވަނީ ދުނިޔެއަށް ސާބިތުކޮށްދީފައެވެ.