އެއްދަންފަޅިއަށް ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް 22 ސްކޫލެއްގައި ފަށައިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކުރުމުގެ މާނައިގައި ނޫން ކަމަށެވެ. އެއީ ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައި ދިނުމަށް އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެއަށް ތައްޔާރު ކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްދަންފަޅިއަށް ކިޔަވައިދިނުމާއި ބެހޭގޮތުން، މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން ކަމަށާއި، އެއަށްފަހު ހެނދުނު 6:00 އިން ކުދިން ތަފާތު ކުޅިވަރު ނުވަތަ ކަސްރަތުގައި މަސްއޫލުވެ އުޅުމަށްފަހު 7:00 ގައި ގެއަށްގޮސް ތައްޔާރުވެގެން 8:00 އިން އަނބުރާ ސްކޫލަށް ގޮސް، ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއްދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާއާއެކު ކަމަށާއި، ތައުލީމީ އާ މަންހަޖުގެ މަގުސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓްގެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި ދިރިއުޅުމަށް ފުރާފުރިހަމަ ވެފައިވާ ދަރިވަރުންތަކެއް މުޖްތަމައަށް ނެރެދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން މި އަމާޒަށް ވާސިލުވާން ފަސޭހަ ވެގެންދާނެ ކަމަށާއި، އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގައި ޓީޗަރުންނަކީ އެންމެ މުހިއްމު އަދި ބުރަ ރޯލެއް އަދާކުރާ ފަރާތް ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ މުޖްތަމައުއަށް ބޭނުންހިފޭ ބަޔަކަށް ނުވާކަމުގެ ޝަކުވާ ވަރަށް ގިނައިން އިވިވަޑައިގަންނަވާ ކަމަށާއި ސަރުކާރުން މިހާރު ކުރިއަށް މިގެންދާ ވަށާޖެހޭ ތައުލީމުގެ މަޝްރޫޢުގެ ބޭނުމަކީ މި ޝަކުވާތަކަށް ނިމުމެއް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ވަށާޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި، އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ، ހުނަރުވެރި، ތައުލީމީ އަދި ދީނަށް ލޯބިކުރާ، ހަށިހެޔޮ ކުދިން ތަކަކަށް ހެދުން ކަމަށެވެ. އަދި އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުވުމުން ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.