ލ. ގަމުގައި ކުއްޔައްދޭ ކޮޓަރިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ގަމުގައި ކުއްޔަށްދޭ ކޮޓަރިއެއްގައި 40 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު 12:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މީހާގެ ހަށިގަނޑު މިހާރު ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނުނު މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި، ހަށިގަނޑު އޮތީ ހަރުވެފައިި ކަމަށެވެ. މި މީހާއަކީ ޗުއްޓީއަށް ލ. އަތޮޅަށް ގޮސްފައިވާ މީހެއް ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މާލޭގެ ގެސްޓްހައުސްތަކުގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، މި މަހުގެ ތިންވަނަ ދުވަހު މާލޭގައި ހުންނަ ވިކްޓްރީ ގެސްޓް ހައުސްއިން 24 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާއިރު، އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެމީހާ ވަނީ މަރުވެފައެވެ.