މާލެ ޖަލުގެ 'އެނެކްސް އެކެއް' އަކީ ގައިދީން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެތަން ބޭނުންކުރުން ހުއްޓާލާފައި ވާކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނި ނަމަވެސް، އެތަން އަދިވެސް މީހުން ބަންދުކުރަން ބޭނުން ކުރަމުންދާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ޖަލުގެ ހާލަތު ބެލުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ޖަލުތަކަށް ކުރެއްވި ޒިޔާރަތަށް ފަހު މާލޭ ޖަލުގެ އެނެކްސް އެކެއް ހުރީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދު ކޮށްގެން ގެންގުޅުމަށް އެކަށީގެންވާ ވަރުގެ ތަނެއްގެ ގޮތުގައި ނޫންކަމަށާއި، އާދައިގެ ކުދިކުދި މަރާމާތު ކޮށްގެން އެތަން ބޭނުން ކުރެވޭނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެ މިދިޔަ އެޕްރީލް މަހުގެ 17 ވަނަ ދުވަހު އެތަން ބޭނުން ކުރުން ހުއްޓާލާފައި ވާކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެޗްއާރުސީއެމުން މިދިޔަ އެޕްރީލް މަހުގެ 24 އަދި 25 ވަނަ ދުވަހު އެތަނަށް ކުރި ޒިޔާރަތަށް ފަހު ވިދާޅުވީ 2011، 2014 އަދި 2017 ވަނަ އަހަރު އެޗްއާރިސީއެމުން ކުރި ޒިޔާރަތް ތަކުގައި ފާހަގަ ކުރެވުނު ކަންކަން އިސްލާހު ކުރަން ހުށަހަޅާފައިވީ ނަމަވެސް، މިހާތަނަށް އެއިން އެއްވެސް ކަމެއް އިސްލާހު ކޮށްފައި ނުވާ އިރު، އެނެކްސް އެކެއްގައި އަދިވެސް މީހުން ބަންދު ކުރަމުންދާ ކަމަށެވެ.

"މާލެ ޖަލު އެނެކްސް 1 ގައި އެއްވެސް ގައިދީއަކު އަދި ބަންދު މީހަކު ބަންދު ނުކުރުމަށާ، އެތަނުގައި ތިބި މީހުން އެހެންތަނަކަށް ބަދަލުކުރުމަށް އަންގާފައި ވާތީ، ރަސްމީކޮށް އެތަން ބަންދުކޮށް އެވަގުތު އެތަނުގައި ތިބި ގައިދީންނާއި ބަންދު މީހުން ޖަލުގެ އެހެނިހެން ޔުނިޓްތަކަށް ބަދަލުކޮށްފައިވީ ނަމަވެސް، އެނެކްސް ބައިގައި ހުރި ގޮޅިތައް އެއްވެސް މަރާމާތު ކުރުމެއް ނެތި އެހެނިހެން ކަންކަމުގައި މީހުން ބަންދު ކުރަން ބޭނުން ކުރަމުންދޭ،" އެޗްއާރުސީއެމް

އެކޮމިޝަނުން ބުނީ މިދިޔަ އެޕްރީލް މަހުގެ 24 އަދި 25 ވަނަ ދުވަހު މާލެ ޖަލަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި ފާހަގަ ކުރެވިފައިވާ މުހިންމު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އަވަސް ކަރުދާހެއް މިމަހުގެ ތިން ވަނަ ދުވަހު މާލެ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ކޮމިޝަށް ހުށަހަޅާފައި ވާނެކަމަށެވެ.

އަދި މި އަވަސް ކަރުދާސް ހުށަހަޅާފައި ވަނީ 2011، 2014 އަދި 2017 ވަނަ އަހަރު އެކޮމިޝަނުން ޖަލަށް ކޮށްފައިވާ ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންކަމާ ގުޅޭގޮތުން އިދާރާތަކަށް ހިއްްސާ ކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތަށް ތަންފީޒު ކޮށްފައިވާ މިންވަރު ދެނެގަތުމާއި، ތަންފީޒު ނުވެ ގިނަ ދުވަސްވެފައިވާ ހުށަހެޅުންތައް ތަންފީޒު ކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެކޮމިޝަނުން ބުނީ 2011، 2014 އަދި 2017 ވަނަ އަހަރު ކުރި ޒިޔާރަތުން އެކުލަވާލި ރިޕޯޓުގައި ހައްލުކުރަން ބުނި އެއްވެސް ކަމެއް މިހާތަނަށް ހައްލުކޮށްފައި ނުވާ އިރު، މިހާރުވެސް މާލޭ ޖަލުގައި ސިއްހީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވުމާއެކު، ކޮމިޝަންގެ އިސްނެގުމުން ބަންދު މީހުންގެ ސިއްހަތާއި ގުޅުންހުރި 30 މައްސަލައެއް ކޮމިޝަނުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.