މިހާރު އޮތް ސަރުކާރުން ދައުލަތަށް އާމްދަނީ އިތުރުކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، ދައުލަތް އިތުރަށް ދަރަނިވެރިވެ، ސަރުކާރު ހިންގަން މަސައްކަތްކުރާ ތަންވެސް ފެނިވަޑައިނުގަންނަވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީކަން ވެސް ކުރައްވާފައިވާ ޖާބިރު، ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ސަރުކާރަށް ފައިސާ ހޯދާނެ ގޮތް މި ސަރުކާރަކަށް ނޭނގި، ދައުލަތުގެ ރިސޯސް މެނޭޖްކުރަން ނޭނގެނީކަމަށް އަޑުތައް ފެތުރެން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ހައްދަވަންވީ ގޮތަކީ ދައުލަތަކަށް ލިބޭ އާމްދަނީ އިތުރުކުރެއްވުން ކަމަށާއި، އެކަން ނުކުރެވި ދައުލަތުގެ ދަރަނި ބޮޑުވެގެންދާ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކަށް ދަރަމުންދާ ކަމަށާއި، އިންޑިއާއާއެކު ހަދާފައިވަނީ ކޮން އެގްރީމެންޓެއް ކަމެއް ސާފެއް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުން ހޮވާފައި ތިބި މެންބަރުން، އަޅުގަނޑުމެންނަށް އެކަށްޗެއްވެސް ނޭނގޭ. ސަރުކާރަކުން އައިސް ބްރީފެއް ކުރަނީކި ވެސް ނޫން. ރައްޔިތުންނަށް އެނގެނީކީ ވެސް ނޫން، ހިނގާ ޕްރޮޖެކްޓެއް އެނގެނީކީ ނޫން. ލިބޭ އާމްދަނީއެއްވެސް އޮތީކީ ނޫން. ހަމައެކަނި އޮތީ އެމްޑީޕީގެ މެޖޯރިޓީއެއް މި ޕާލަމެންޓުގައި. ހަމަ އެމްޑީޕީގެ ސަރުކާރެއް އޮތީވެސް. ގުޅިފައިވާ ކޯލިޝަނަކުން ސަރުކާރު ހިންގަނީ ވެސް،"
އަބްދުﷲ ޖާބިރު

އޭނާ ވިދާޅުވީ ސަރުކާރަށް ލިބޭ ރެވެނިއުއެއް މަޖިލީހަކަށް ނޭނގޭކަމަށާއި، ސަރުކާރު ބަޖެޓް ތަންފީޒުކުރާގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ޖާބިރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ދައުލަތުން ކުރަންޖެހޭ ހަރަދުތައް ކުރަންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ކުރަންޖެހޭ ހިދުމަތްތައް ކުރަންޖެހޭނެ ކަމަށާއި، އެ ހިދުމަތްތައް ނުކޮށް، އަދި މުއައްސަސާތަކަށް ކޮށްދޭންޖެހޭ ހިދުމަތްތައް ނުކޮށް އިިނާޔަތްތައް ނުދީ ބަހައްޓާ ސަރުކާރު ހިންގަން ނޭނގޭކަން ފާހަގަވެގެން ދާކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ އާމްދަނީ އިތުރުކުރަން ކުރެވޭ މަސައްކަތެއް އަޅުގަނޑަކަށް ނުފެނޭ. އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ދޭކަަށް އެއްބަސް ނުވޭ. ފަނޑިޔާރަކަށް ވިޔަސް މި މަޖިލީހަކަށް ވިޔަސް އަދި ނައިބު ރައީސްކަން ކުރާ މީހަކަސް ވިޔަސް. ހަމަ ދެ ތިން މީހެއްގެ ތެރޭގައި މުދާ ބަހާލާ ސިސްޓަމަށް ދިވެހިރާއްޖެ އޮޕަރޭޓްވާ ނިޒާމެއް މި އޮންނަނީ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުން ބޭކާރުވެގެންދާ ފައިސާ ބޭކާރުވެގެން ނުދާގޮތަކަށް ކަންކަން ރާވަން ޖެހޭ ކަމަށެވެ. އަދި ފަނޑިޔާރުންނަށް އިނާޔަތް ދޭންޖެހޭނެ، އެހެން ފަރާތްތަކަށް ދޭންޖެހޭ އިނާޔަތާއި، ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭނެ ކަމަށާއި، ގާނޫނުތަކުގައި ހުރި ގޮތަށް އަމަލުކުރައްވަން ޖެހޭނެ ކަމަށެވެ.

"ދެން ރައީސަކަށް ހުންނެވި ބޭފުޅާއަށް ފައިސާ ހޯދުމުގެ ތަޖުރިބާ ނެތި އަދި އެބޭފުޅާގެ ކެބިނެޓް، އެބޭފުޅުންނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކޮށް، އަދި ރާއްޖެއަށް ބޮޑެތި ޕްރޮޖެކްޓަތައް ގެނެސް އެހެން ހެދޭނެ ގާބިލްކަން ނެތް ބަޔަކަށް ވެއްޖެއްޔާ ދެން ދައުލަތް ދެކޮޅު ނުޖެހިގެންދާނީ"
އަބްދުﷲ ޖާބިރު

އޭނާ ވިދާޅުވީ ދައުލަތް ދެކޮޅު ނުޖެހިގެންދާ ކޮންމެ ފަހަރަކު ދެން ތިބި އެންމެނަށް ހާނިކަވާގޮތްވާ ކަމަށެވެ. ޖާބިރު ވަނީ ސަރުކާރު ހިންގަން ނޭނގޭކަން ގަބޫލުކުރަންޖެހޭ ކަމަށާއި، މި ރާއްޖޭގެ ބަޖެޓް 10 ބިލިއަން ޑޮލަރުން އޮޕްރޭޓް ކުރެވޭ ވަރަށް ރާއްޖޭގައި އެފަދަ ވަސީލަތްތައް އެބަހުރި ކަމަށެވެ. އަދި ގައުމު ހިންގުމުގެ ނިޒާމުގައި ފަރުވާތެރިވާން ޖެހޭ ކަމަށާއި، ސަރުކާރު ހިންގުމުގެ އޮނިގަނޑު ހަރަދު ކުޑަކޮށް ހިންގަން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.