ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އައްޔަން ކުރީ އިޖްރާއާތުތަކާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ ކަމަށް މިދިޔަ މާޗް މަހު އައްޔަން ކުރި، ފާރިޝް އަހުމަދު މަގާމަށް އައްޔަންކޮށްފައި ވަނީ އިޖްރާއާތުތަކާއި ހިލާފަށް ކަމަށް ކަނޑައަޅައި، ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އޭނާ އެ މަގާމުން ވަކިކުރަން ނިންމައިފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާރިޝް މަގާމުން ވަކި ކުރަން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ފޮނުވުމުން، އޭނާ އެ މަގާމަށް އައްޔަން ކުރީ އިޖްރާއާތުތަކާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ. އަދި ސުޕްރީމް ކޯޓުގެ އެ ނިންމުން ހައި ކޯޓަށް ވެސް މިއަދު އަންގާފައިވާނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.

ފާރިޝް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް އައްޔަން ކުރިގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅިައިފައިވާއިރު، އޭސީސީން އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ. ފާރިޝްއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެކެވެ. ފާރިޝް ގާނޫނީ ދާއިރާއިން މާސްޓާޒް ހާސިލް ކުރެއްވީ އިނގިރޭސިވިލާތުންނެވެ.

ހައި ކޯޓުގެ ރެޖިސްޓްރާއަކީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، އެ ކޯޓުގެ ދެން އެންމެ އިސް މަގާމު ކަމަށް ހައި ކޯޓުގެ ގަވާއިދުގައި ވެއެވެ. އަދި އިސް ފަނޑިޔާރު ކަނޑައަޅާ ގޮތެއްގެ މަތިން، ރެޖިސްޓްރާގެ ބައެއް މަސްއޫލިއްޔަތުތައް އެސިސްޓެންޓް ރެޖިސްޓްރާއާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.