އިމާރާތެއް ތަޅަމުން ދަނިކޮށް ޖެހިގެން ހުރިގޭގެ ފާރު ހަލާކުވެއްޖެއެވެ.

މިއަދު ހަވީރު 5:45 ހާއިރު މި ހާދިސާ ހިނގަފައި ވަނީ މ. ގުލްބަހާރުގެ އިމާރާތް ތަޅަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި އިމާރާތް ތަޅަމުން ދަނިކޮށް، ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހި، އެ އިމާރާތާއި ޖެހިގެން ހުރި މ. ސަމަންދަރުގެ ގޭގެ ދެވަނަ ފްލޯގެ ފާރުން ބައެއް ހަލާކުވެ ގެއްލުން ވެފައިވާ ކަމަށެވެ.

މި ހާދިސާގައި ވެއްޓުނު ކޮންކްރީޓް ގަނޑުން ޖެހި، ޖެހިގެން ހުރި ގޭގެ ކޮޓަރި ތެރެއަށް ވަނީ ހަލާކުވި ފާރުގެ ބައިތައް އެޅިފައެވެ. ފުލުހުން އާންމު ކުރި ފޮޓޯ އިން ފެންނަ ގޮތުން، ފާރުގެ ބައިތައް ކޮޓަރީގެ އެނދުމަތިންނާއި، ބިންމަތިން ފެނެއެވެ.

އިމާރާތެއް ތަޅަމުން ދަނިކޮށް ޖެހިގެން ހުރިގޭގެ ފަރު ހަލާކުވެ، އެގޭގެ ކޮޓަރި ތެރެއަށް ފާރުގެ ބައިތައް އެޅިފައި / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، މިހާދިސާގެ މައުލޫމާތު މިހާރު ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އިމާރާތް ކުރަމުންދާ ތަންތަނުން އެއްޗެހި ވެއްޓި، މީހުންނަށް އަނިޔާ ވުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާ އިރު، އިމާރާތެއް ތަޅަމުން ދަނިކޮށް، މީހަކަށް ނުވަތަ ތަނަކަށް ގެއްލުންވެފައިވާ ކަން ރިޕޯޓްކުރި މިއީ ފުރަތަމަ ފަހަރެވެ.